ރާއްޖެ އަންނަ ބައެއް ފޮރިން އިންވެސްޓަރުން ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ ޝައުވެރިކަން ފާޅުކުރަމުންދާކަމަށާއި، އެގޮތުން ބައެއް ފަރާތްތަކުން ޕްރޮޕޯސަލްވެސް ހުށައަޅަމުންދާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ “ޕީއެސްއެމް”ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުންނެެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލަގްޒަރީ ފެންވަރުގެ ޚިދުމަތްދޭ ޤައުމަކަށްވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި މެޑިކަލް ޓުއަރިޒަމް ހިމެނުމަށް ސަރުކާރުންދަނީ އެތަށް މަސައްކަތްތަކެއް ކުރަމުން ކަމުގައެވެ.
ރިސޯޓެއްގައި ހޮސްޕިޓަލެއް ތަރައްގީކުރުމުގެ ޕްރޮޕޯސަލް ލިބިފައިވާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވެފައިވާއއިރު، ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓްގެ އިތުރުން އެތަނުގައި މީހުން ތަމްރީނު ކުރެވޭނެ ކޮލެޖަކާއެކޮށްވެސް ބައެއް ބޭފުޅުން ޕްރޮޕޯސަލް ހުށަހަޅުއްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ނާޒިމް ވަނީ މިފަދަ ކަންކަމާ ގުޅޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޑައިވަސިފައި ކުރާއިރު މެޑިކަލް ޓޫރިޒަމް ފުޅާވެގެންދާ ތަން ދެކެން ބޭނުންވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

