މާލޭ ގެއެއްގެ ފުރާޅު މަތީގައި ވެއްޓިފައި އޮތް އަންހެން މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމުގައި އައިޖީއެމްއެޗުން ބުނެފިއެވެ.
ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އިއްޔެ ހެނދުނު ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އަންހެން މީހާ ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 7:23 ހާއިރު ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު “ހުވަދޫ މީޑިއާ”އަށް މައުލޫމާތު ދެއްވަމުން ބުނީ، އެ އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެ ހޮސްޕިޓަލުން ހާމަކޮށްފާނުވާ ކަމަށެވެ.
އަންހެން މީހާ ފުރާޅު މަތިން ނަގާފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކުގައެވެ.

