ރ. އަތޮޅު ހުޅުދުއްފާރަކީ ތަފާތު އެތައް ހަނދާންތަކަކާ ގުޅިފައިވާ ރަށެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެ ގޮތުން މިނިސްޓަރ ވިދާޅުވީ، އެވޯޑް ޙާޞިލްކުރެއްވި ބޭފުޅުންގެ ތެރޭން ގިނަ ބޭފުޅުންނަކީ، އެ މަނިކުފާނުނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައި، ދެކެފަރިތަ އަދި އެ ބޭފުޅުންނާއެކު މަސައްކަތްކުރުމުގެ ނަސީބު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ. ޚާއްޞަކޮށް އެ ބޭފުޅުންގެ އަގުވަޒަންކުރެއްވިކަން އެއީ އެ މަނިކުފާނަށް ވެސް ވަރަށް މަތިވެރި އުފާފުޅެއް ލިބިވަޑައިގަންނަވައި ކަމެއް ކަމަށް ވިދާޅުވެ، ހުޅުދުއްފާރު ކައުންސިލުގެ މެންބަރުންނަސް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.
ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްބި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ، އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މީގެ 10 ވަރަކަށް އަހަރު ކުރިން އެ ރަށުގެ ސުކޫލު ފަރާތުން ބޭއްވި ރަސްމިއްޔާތަކަށް ވަޑައިގަތުމުން އެ ރަށުން ކިޔުއްވި މަރުޙަބާއާއި، އެ ރަށުގައި މިއަދު ދިރިއުޅުއްވާ އެކި ރަށްރަށުގެ މީހުން، އެ މީހުންގެ އިހުގެ ރަށްރަށުން އެ މަނިކުފާނަށް ކުރެވިފައިވާ ބައެއް ތަޖުރިބާތައް ވެސް ހިއްސާކުރެއްވިއެވެ.
ހުޅުދުއްފާރަކީ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރޭން ވަރަށް ނަމޫނާ ރަށެއް ކަމަށާއި، އަދި އެ އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމުކުރެވޭ ކަމަށާއި، އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމުގައި މަރުޙަބާ ކިޔުއްވާ ރަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަފްޞީލު ދެއްވަމުން އެ ކަން އެ ގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރައްވާފައި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއް ފާހަގަކުރެއްވިއެވެ. އަދި ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ ރަށުގެ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކުބާދު އަރިސްކުރެއްވިއެވެ.
މިނިސްޓަރ ހުޅުދުއްފާރުގައި ދެއްކެވި ވާހަކަފުޅުގައި ހުޅުދުއްފާރުން އެ މަނިކުފާނާ މެދު ބަހައްޓަވައި ޚާއްޞަ ކަމުގެ ސަބަބުން، ބީރަށްޓެހި ރަށަކަށް ވަޑައިގެން ހުންނަވައި ކަމުގެ އިޙްސާސް އެއް ގޮތަކަށް ވެސް ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

