ދިވެހި ސިފައިންގެ ހިދުމަތަށް 133 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހިނގާލުން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ހަވީރު 16:15 ގައި ބަންޑާރަ ކޮށި ކައިރިން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާއިރު، ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ހަރަކާތްތަކެއް ފެންނާނެއެވެ.
ހިނގާލުމުގައި ލަޝްކަރު އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗަށް ހުއްޓާއިރު، ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

