މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. އެދުވަހުގެ 15:00 ގައި މާލެ ސަރަހައްދުގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުން ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިއީ އިހްސާސްކުރެވޭ ހޫނުމިން މަތިވެފައިވާ ދަނޑިވަޅެއްގައި ކަރަންޓު ބޭނުންކުރުން އިތުރުވެގެން ދިއުމާ ގުޅިގެން ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންނަށް ޚާއްސަ އިލްތިމާސްތަކެއް ކޮށްފައިވާ ދަނޑިވަޅެކެވެ. މިގޮތުން ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އާންމުންނަށް ގޮވާލާފައެވެ.
“މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށްވުމާއެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައި،” ސްޓެލްކޯއިން ބުންޏެވެ. ޚާއްސަކޮށް އޭސީ ފަދަ ވަސީލަތްތައް ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު 13:00 ގައި މާލޭގެ ކަރަންޓު ބޭނުންކުރުން 111 މެގަވޮޓްގައި ހުރިކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މިކަމަށް އާންމުން ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް މަސައްކަތްކުރުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއްކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި މި އަހަރުގެ މާރިޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާނެ ދުވަސްވަރެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

