އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުރިން މި މުބާރާތް މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލްއަށް ޚާއްސަ ކޮށްގެން ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތް، ލޭންޑް ގެރޮސްއިން ބުނެފިއެވެ.
ފްރެންޗް އޯޕަން 14 ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ނަޑާލް ވަނީ މިދިޔަ އަހަރު ޓެނިސް ކުޅުން ހުއްޓާލާފަ އެވެ.
ނަޑާލްގެ އެންމެ ފަހު މުބާރާތެއްގައި ގޮތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި ޑޭވިސް ކަޕް ޓެނިސް މުބާރާތެވެ.
ރޮލޭންޑް ގެރޮސްގެ ޑިރެކްޓަރ އެމެލީ މައުރެސްމޯ ބުނެފައިވަނީ ނަޑާލް އަކީ މި މުބާރާތުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިއެއް ކަމަށާއި ކުޅުންތެރިއެއްގެ ގޮތުގައި ނުފެނުނު ކަމުގައިވީނަމަވެސް މުބާރާތުގެ ތެރެއިން އޭނާ ފެނިގެންދާނެ ކަމަށެވެ.
ނަޑާލްގެ އިތުރުން މި އަހަރުގެ މުބާރާތަށްފަހު ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފައިވާ ރިޗާޑް ގެސްކުއެޓް އާއި ޓެނިސް އަންހެން ޗެމްޕިއަން މެރީ ޕިއަރސް އަށްވެސް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެމެލީ މައުރެސްމޯ ވަނީ ބުނެފައެވެ.
މިއަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިސާގެ އިނާމުވެސް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ އަގާއި އަޅާ ބަލާއިރު 5.21 އިން ސައްތަ ބޮޑުކޮށްފައެވެ.
އެގޮތުން، މި އަހަރުގެ މުބާރާތުގެ ޖުމްލަ އަގަކީ 64.11 މިލިއަން އެމެރިކާ ޑޮލަރެވެ.

