ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި މަކަރު ހަދައި، އާންމުންގެ އަތުން އަމިއްލަ މަޢުލޫމާތު ހޯދަން މަސައްކަތްކުރާ ފަރާތްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މި މަކަރުވެރިން ވައިބަރ މެސެޖާއި ފޯނު ކޯލްތައް މެދުވެރިކޮށް މީހުންނާ ގުޅައި، އެޗްޑީސީ ހައުސިން ޑިވެލޮޕްމަންޓް ކޯޕޯ ކިޔާ ދޮގު ނަމެއް ބޭނުންކޮށްގެން މަކަރު ހެދުމުގެ މަސައްކަތް ކުރަމުންދެއެވެ. މި ފަރާތްތަކުން 7933128 އާއި 7956509 މި ދެ ނަންބަރުން ގުޅައި، އެކިއެކި މަޢުލޫމާތު ކަށަވަރުކުރަން އެދޭކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، ވެރިފިކޭޝަނެއްގެ ގޮތުގައި ދައްކައިގެން ޖީމެއިލް އެކައުންޓްތަކަށް ވަދެވޭތޯ މަސައްކަތްކުރާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
“މިފަދަ މަކަރުވެރި އަމަލުތަކުން ރައްކާތެރިވުމަށް އަޅުގަނޑުމެން އެންމެން ވެސް ސަމާލުވާންޖެހޭ. އެޗްޑީސީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ، އެ ކުންފުނީގެ ރަސްމީ ނަންބަރުތަކުން ނުވަތަ ވެބްސައިޓުން އެ މަޢުލޫމާތު ކަށަވަރުކުރުމަކީ މުހިންމު ކަމެއް،” ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އާންމުންނަށް އަންގާފައިވަނީ މިއީ އެޗްޑީސީގެ ރަސްމީ މުވާސަލާތެއް ނޫން ކަމަށާއި، އެޗްޑީސީއިން އަމިއްލަ ވައިބަރ އެކައުންޓްތަކުން މުވާސަލާތު ނުކުރާނެ ކަމަށެވެ. އަދި މިފަދަ މެސެޖެއް ނުވަތަ ފޯނު ކޯލެއް ލިބިއްޖެނަމަ އެއަށް ޖަވާބު ނުދިނުމަށާއި، އަމިއްލަ މަޢުލޫމާތު ހިއްސާނުކުރުމަށް އިރުޝާދު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީން މަޢުލޫމާތު ދެމުން ބުނެފައިވަނީ މިކަމާ ގުޅޭ ތަހުގީގެއް ކުރިއަށްދާ ކަމަށާއި، އާންމުން އެ ކުންފުނީގެ ރަސްމީ ޗެނަލްތަކުން މެނުވީ މަޢުލޫމާތު ނުހޯދުމަށް އެދޭ ކަމަށެވެ.

