ފުލުހުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތަކީ މާތް މަޤުޞަދެއް ޙާޞިލްކުރުމަށް ދެވޭ ޚިދުމަތެއްކަމަށާއި، އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި އިއްޔެ ބޭއްވުނު “ތިން ބްލޫ ލައިން- އަ ސައުތު ސައިޑް ސެލެބްރޭޝަން” ގެ ނަމުގައި ބޭއްވުނު ސްޓާފް އެޕްރިސިއޭޝަން ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ މިހެން ވިދާޅުވިއެވެ. މި ހަފްލާއަކީ އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ޑޫ ސިޓީގައި މަސައްކަތްކުރަމުން އަންނަ ސައުތު ޕޮލިސްގެ ސްޕެޝަލިސްޓް ޓީމުތަކުގެ ފުލުހުން 2024 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.
ކޮމިޝަނަރ ޢަލީ ޝުޖާޢު އިތުރަށް ވިދާޅުވީ، “ފުލުހުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަސައްކަތެއް. އަދި ފުލުހުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ގިނަ ފަހަރަށް ނުކުރެވި ދޫކޮށްލެވޭ ކަމެއް. ނަމަވެސް މިފަދަ ހަފްލާއަކުން، ސައުތު ޕޮލިސްގެ ހުރިހާ ފުލުހުންނާ ބައްދަލުވެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ” ކަމަށެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ، ސައުތު ޕޮލިސްގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ރީޖަންގެ ތެރޭގައި ހަމަޖެހިފައިވާ އެކިއެކި ނިޒާމުތަކުގެ ސަބަބުން މަސައްކަތަށް ލިބިފައިވާ ފަސޭހަކަމާއި ކުރިއެރުންތައްވެސް ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި އައްޑޫ ސިޓީގެ އިސް އޮފިޝަލުންނާއި، ސައުތު ޕޮލިސްގެ އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.

