ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި “ދިވެހިބަހުގެ ހަވީރު” އަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެއެވެ. މި ހަވީރުގައި މާލެ ސަރަހައްދުގެ ޕްރީ ސްކޫލްތަކުން ބައިވެރިވެ، ތަފާތު ސްޓޯލްތައް ބަހައްޓައި، ބަހުގެ އެކި ކަންކަމާ ގުޅޭ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ދިވެހިބަހުގެ އެކެޑަމީގެ ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވި ގޮތުގައި މި ހަވީރުގައި ދިވެހިބަހުން ލިޔެފައި ހުންނަ ވާހަކަ ކިޔުމާއި ވަޒަންބަހުރުވައިގެ އެކި ބާވަތްތައް ސްޓޭޖުގައި ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. “ސްޓޯލްތަކުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުން ދިވެހިބަހުގެ އެކެޑެމީން ހަދިޔާއެއް ދޭނެ. އެގޮތަށް މި ހަރަކާތް ރާވާފައިވަނީ،” ޝަހުމާ ވިދާޅުވިއެވެ.
ހަވީރަށް ޒިޔާރަތްކުރި ކުޑަކުދިން ފާހަގަކުރި ގޮތުގައި މި ހަވީރަކީ ދިވެހިބަހަށް އޮތް ޝައުޤުވެރިކަން އިތުރުކޮށްދިން ހަރަކާތެއްކަމަށާއި، ބަހާ ގުޅުންހުރި އެކި ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދިޔަ ހަރަކާތެކެވެ. “ވަރަށް މަޖާ ކުޅިވަރުތައް ހުރި. ވާހަކަ ކިޔާލައި، މަދަހައެއް ހުށައަޅާލިން،” ކުއްޖަކު ބުންޏެވެ.
މީގެއިތުރުން، އެކެޑަމީގެ ސްޓޯލުގައި ފޮތް މައުރަޒެއް ހުޅުވާލައި، ވާހަކައާއި މަޢުލޫމާތު ހިމެނޭ ތަފާތު ފޮތްތައް ގަތުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. މި ހަވީރު ބޭއްވުނީ ދޮންދޫނި ލިޓްލް ލާނަރސް، މާފަންނު މަދަރުސާ، ފަލާޙު ޕްރީ ސްކޫލް، އެކްސެލް އިންޓަނޭޝަނަލް ސްކޫލް އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާއެކުގައެވެ.
ދިވެހިބަހުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ. މިފަދަ ހަރަކާތްތަކަކީ ޅަފަތުގައި ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެކެވެ.

