ދުސިއްޔަ ޙަދީޘެއްގައި ވެއެވެ. «أَنَا عِنْدَ ظَنِّ عَبْدِي بِي» (البخاري) މާނައީ: “ތިމަން އިލާހާމެދު ތިމަން އިލާހުގެ އަޅާ އުންމީދުކުރާ ގޮތެއްގައި ތިމަން އިލާހު ވޮޑިގެންވަމެވެ.” ރަމަޟާންމަހަކީ މި ޙަދީޘާމެދު ވިސްނާ ފިކުރުކޮށްލުން މުހިންމު މަހެކެވެ. ޚާއްސަކޮށް ތިމަންނާއަށް އަބަދުވެސް ދެރަގޮތް މެދުވެރިވާނެ ކަމަށް ހީކުރެވޭ މީހުންނަށެވެ. އަބަދުވެސް “ކީއްވެ އަހަރެން؟” މި ވިސްނުން ބޮލުގައި ހަރުލައިފާ ތިބޭ މީހުންނަށެވެ.
ރަމަޟާންމަހަކީ އީމާންތެރިކަމާއި ޢަޤީދާއަށް ވަރަށް އަސަރުކުރުވާ މައްސަރެކެވެ. މި މަހުގެ އަޅުކަމާ ކުރިމަތިލާން ވާނީ އީމާންކަން އިތުރުވުމަށް އެދޭ ހާލުގައެވެ. އެ އިލާހުގެ ހެޔޮ ރަޙުމަތާއި ނިޢުމަތް ލިބި ދުޢާތައް އިޖާބަވާނެކަމުގެ އުންމީދުގައި ކުރިމަތިލާ ނަމަ އެކަންކަން ހާސިލުވުން އެއީ އެންމެ ގާތް ގޮތްކަން ކަށަވަރެވެ. ކުރިން ބަޔާންކުރި ޙަދީޘުން މިކަން ދޭހަކޮށްދެއެވެ.
ރަމަޟާންމަސް އުނދަގުވާނޭ ކަމަށް ހީކޮށް އެ މަހާ ކުރިމަތިލާ މީހާއަށް ގިނަފަހަރު އެ މަސް ވެފައި އޮންނަނީ އުނދަގޫ މަހަކަށެވެ. ނަމަވެސް، ހެޔޮކޮށް އުންމީދުކޮށްގެން ކުރިމަތިލާ މީހާއަށް އޭގެ ހެޔޮ އަސަރު ހަމަ ޔަޤީނުން ވެސް ކުރާނެއެވެ.
“ކީއްވެ އަބަދު އަހަންނަށް ދެރަގޮތްވަނީ؟” މި ސުވާލު ނުވަތަ މި ވިސްނުން އަބަދު ބޮލުގައި އެނބުރޭ މީހުންނަށް ރަމަޟާންމަސް އެހީވެދޭނެއެވެ. އެ ގޮތުން ފުރަތަމަ ކަމަކަށް، ތިމާއަށް މި ގޮތަށް އެބަވިސްނޭކަން ދެނެގަނެ، އޭގެ ސަބަބުން ތިމާގެ ހަޔާތުގައި ދެރަކޮށް ކަންތައްތައްވުން އެއީ ހަމަ ވެދާނެ ކަމެއްކަން ޤަބޫލުކުރަންޖެހެއެވެ. އަބަދުވެސް ދެރަގޮތްވާނީ ތިމާއަށް ކަމަށް ހީކުރާ ނަމަ، ގިނަފަހަރު އެ މީހެއްގެ ވިސްނުން ހުންނާނީ ހަމައެކަނި ކުރިމަތިވާ ދަތިއުނދަގޫ ކަންކަމަށް ގޮސް ހުސްވެފައެވެ.
ހަޔާތުގައި ދެރަގޮތް މެދުވެރިވާ ވަގުތު އެ ކަންތަކުން ރަނގަޅު ހެޔޮ ކަމެއް ހޯދައިގަތުމަށް ދަސްކުރަންޖެހެއެވެ. ރޯދައަށް ހުންނައިރު ބަނޑުހައި ހޫނުކަން އިހުސާސްވާ ވަގުތު އެއީ ﷲ ގެ ފަރާތުން ކުރިމަތިވާ އަޒާބެއްގެ ގޮތުގައި ނުވިސްނާ އެ މީހެއްގެ ފާފަތައް ފުހެވޭނޭ ސަބަބެއްކަން ހަނދާނަށް ގެންނާށެވެ. ރޭއަޅުކަމުގައި ވަރުބަލިވެގެންދާ ހިނދު އެއީ ބަރީއަ ނުވެވިގެން އުޅޭ ކަމެއްގެ ގޮތުގައި ނުވިސްނާ އޭގެން ލިބޭނޭ ސަވާބައި ބަރަކާތާމެދު ވިސްނާށެވެ.
މި މަހު ކުރާ ދުޢާ އިޖާބަވުން ގާތް ވެގެން ވެއެވެ. އަބަދުވެސް ހެޔޮގޮތް މިންވަރުކުރެއްވުމަށް-އެދި ދުޢާކުރާށެވެ. އަމިއްލަ ނަފުސަށް މެދުވެރިވާނީ ރަނގަޅުގޮތްކަން ހިތަށް ގެނެސްދެއްވުން އެދި ދުޢާ-ކުރާށެވެ. އަދި އެއިލާހު މިންވަރު ކުރެއްވި ނިޢުމަތް-ތަކަށް ޝުކުރުއަދާކޮށް އެ ކަންކަން ދެނެގަންނަން ފަސޭހަ މީހެއް ކަމުގައި ލެއްވުން އެދި ދުޢާކުރާށެވެ. ހަމަ އެހެންމެ ހިތަށް އަންނަ ނުރަނގަޅު ވިސްނުންތަކުން ސަލާމަތްވާނެ ގޮތަކާމެދު އިތުބާރު-ކުރެވޭ ރަހުމަތްތެރިންނާއި އެ ކަމުގެ ޢިލްމު ލިބިފައިވާ މީހުންނާ ސުވާލުކޮށް މަޝްވަރާ ލިބިގަންނާށެވެ.
އަބަދުވެސް ދުވަސް ފަށަން ވާނީ މާތް ﷲ ހެޔޮ ގޮތް މިންވަރުކޮށްދެއްވާނޭ ކަމުގެ އުންމީދުގައެވެ. ކަންކަން ފަސޭހަކޮށްދެއްވާނޭ ކަމުގެ އުންމީދުގައެވެ. މާތް ﷲ ދެއްވައިފައިވާ ނިޢުމަތްތަކުން މަދުވެގެން 3 ކަމެއް ކޮންމެ ދުވަހަކު ވެސް ނޯޓުކޮށްލާށެވެ. އަދި ބޮޑެތި އިމްތިޙާނުތައް މެދުވެރިކުރެއްވި ނަބިއްޔުންގެ ވާހަކަތައް ކިޔައި އެއިން އިބުރަތް ހާސިލުކުރާށެވެ. ތިމާއަށް ހެޔޮގޮތް އަބަދުވެސް މެދުވެރިވާން އެދޭ ނަމަ، ވިސްނުން ހެޔޮ ކުރަން މި ރަމަޟާންމަހު ފަށާށެވެ. ހެޔޮކޮށް ވިސްނަން އެނގޭ ބަޔަކު ކަމުގައި އަޅުގަނޑުމެން އެންމެން ލައްވާނދޭވެ!
މައުލޫމާތު: مُحَمَّد سَمُوْح سَعِيْد / ދީނުގެމަގު

