މި ވަގުތު އަޅުކަން ކުރުން އާދަ ވޭތޯ ބަލާށެވެ! އެ ގޮތުން ފަރުޟު ނަމާދުގެ އިތުރަށް ސުންނަތް ނަމާދުތައް ކުރަން އާދަވޭތޯ ބަލާށެވެ!
ކޮންމެ ދުވަހަކު ޤުރްއާނުން މިންވަރެއް ކިޔަވަން އާދަ ކުރާށެވެ!
އެކަމެއް ނުވާ ދުވަހު ވެސް އޭގެ ސަވާބު އޭނާ އަށް ލިޔުއްވޭހުއްޓެވެ. އެހެންކަމުން ކިތަންމެ ކުޑަ ނަމަވެސް ދާއިމީ ހެޔޮޢަމަލެއް ކުރުން އާދަ ކުރާށެވެ!
ހެޔޮ ކަންކަން ފަށާއިރު ކުރެވޭ ވަރަށްވުރެ ބޮޑަށް ނުފަށާށެވެ. ދީނީ ގޮތުން އެންމެ ފުރިހަމަ ވެވޭތޯ ކޮންމެ މީހަކު ވެސް ބަލާނެއެވެ. އެހެނަސް ކުއްލިއަކަށް ގިނަ ޢަމަލުތަކެއްކޮށް، މީހާ ވަރުބަލިވެ، ދެން ހުއްޓާލާގޮތަށް ކުރިން ވީވަރުވެސް ނުވެއްޖެނަމަ މާދެރަވާނެއެވެ.
މި ދުވަސްވަރު، މަސައްކަތާ ދުރުގައި ގިނަ ވަގުތު ގޭގައި އުޅެން ލިބިފައި އޮތުމުން ރޭއަޅުކަން (ތަޙައްޖުދު) ކުރުން އެއީ ކުރެވިދާނެ ކަމެކެވެ. މި ކަން ވެސް ފަށާއިރު، މަދު ރަކްޢަތް ކޮޅަކުން ކުރު މިންވަރަކަށް ފެށުން މުހިންމެވެ. އެހެންނޫނީ އެކަމުގައި މީހާ ވަރުބަލިވެ، ބުރަވެ، ދާއިމީ ހުއްޓުމަކަށް އަތުވެދާނެއެވެ.
ހަމަ އެފަދައިން ހޭދަ ކުރުމަކީ ވެސް އާދަކުރެވޭ ކަމެކެވެ. ﷲގެ މަގުގައި ހޭދަކުރަންވީ ރަނގަޅު ތަކެއްޗެވެ. ތިމާ އަށް ބޭނުން ނުހިފި އެއްލައިލާ ތަކެއްޗެއް ނޫނެވެ. ހޭދަކުރުން އެންމެ އައުލާ ބަޔަކީ ގާތް މީހުންނެވެ.
އެ ގޮތުން އެންމެ ފުރަތަމަ ހޭދަކުރަންވީ ތިމާގެ އަނބި ދަރިންނާއި މައިންބަފައިންނަށެވެ. ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުން މިއީ ވެސް އަލުންބަލުން އާ ހިތްވަރަކާއެކު ފެށިދާނެ ކަމެކެވެ.
އަމިއްލަގޭގައި ދިރިއުޅޭ އެންމެންނަށް ކޮންމެ ދުވަހަކު ސަލާމް ގޮވާލަން އާދަ ކުރާށެވެ! ގެއިން ނިކުންނަމުންނާއި ގެއަށް ވަންނަމުންނެވެ. ތިބާއާ ދުރުގައި އުޅޭ މީހުންނަށް ފޯނުކޮށް، ޙާލުބެލުން އާދަކުރާށެވެ!
ކުޑަކުދިންނަށް އޯގާތެރިވުން ވެސް މިއަދު އާދަ ކުރަން ވެއްޖެއެވެ. އޭގެ ނަތީޖާއަކަށްވާނީ އެ ކުދިން ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމެވެ. ނަމޫނާއަކީ އެންމެ ފުރިހަމަ ނަސޭޙަތެވެ. އެ ކުދިންނަކީ އަބަދު ހެޔޮ ނަސޭހަތަށް ބޭނުންވެފައިވާ ބައެކެވެ. އެކުދިންގެ ކުށް ދެއްކުމުގެ ބަދަލުގައި އިޞްލާޙު ކުރަންވީ ގޮތް ބުނެދޭށެވެ.
ނަސޭހަތުން ފައިދާ ކުރާނެއެވެ. ހެޔޮ ހިތަކާއިގެން އެ ކުދިންނަށް ނަސޭހަތެއްދޭ ކޮންމެ ފަހަރަކު، އެކަން ވާނީ ތިމާއަށް ހުރި ހަނދާން ކޮށްދިނުމެއް ކަމުގައެވެ.
(الشَّيْخ مُحَمَّدُ أَفْضَل)

