مُحَمَّدُ وِشَاحُ عَلِي إِبْرَاهِيْم
ޢިލްމަކީ އިންސާނާގެ ދެ ދުނިޔޭގެ ކާމިޔާބަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން، މިފަދަ އަގުހުރި ނިޢުމަތެއް ރައްކައުކޮށް އެ އުފުލާ ގެންގުޅޭ ކަންވާރަކީ އެކަމަށް އެކަށޭނަ އެއްޗެއް ކަމުގައި ހެދުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.
ޢިލްމު ރައްކައުކުރާ ކަންވާރޭ ތޯއެވެ؟ އާދޭހެވެ! އެއީ ހިތެވެ. ހިތަށް ޢިލްމު ވެއްދޭނީ ހިތް ޠާހިރުކުރި މިންވަރަކަށެވެ. ހިތުގެ ޠާހިރުކަން އިތުރުވެއްޖެނަމަ ހިތަށް ޢިލްމުވަނުމުގެ ޤާބިލުކަން އިތުރުވެއެވެ. ޚާއްޞަކޮށް، ލޮބުވެތި ދަރިވަރުންނަށް ގޮވައިލަމެވެ! ތިޔަ ދަރިވަރުން ޢިލްމު އުނގެނެން ބޭނުންނަމަ، ހިތްތައް ކިލަނބުކުރާ ނަޖިހުން ތިޔަ ދަރިވަރުންގެ ހިތް ޠާހިރު ކުރާށެވެ.
މި މައުޟޫޢަށް އަލިއަޅުވާލައްވަމުން އަޅުގަނޑުމެންގެ ލޮބުވެތި ޝައިޚް، ޞާލިޙު އަލް ޢުޞައިމީ ވިދާޅުވެފައިވެއެވެ.
“ހިތް ޠާހިރު ކުރެވޭ މައިގަނޑު ދެ އަޞްލެއްވެއެވެ. ފުރަތަމައީ ޝުބުހައިގެ ނަޖިހުން ހިތް ޠާހިރު ކުރުމެވެ. އަދި ދެވަނައީ ޝަހުވަތުގެ ނަޖިހުން ހިތް ޠާހިރު ކުރުމެވެ”. އަދިވެސް ވިދާޅުވިވެއެވެ. “ތިބާގެ ހަޑިވެފައިވާ ހެދުން ތިބާ ފަދަ އެހެން މަޚްލޫޤުންނަށް ފެނިދާނެތީ އެކަމާ ލަދުގަންނަނަމަ، ތިބާގެ ހިތަށް ﷲ ތަޢާލާ ބައްލަވާވޮޑިގެންވާއިރު އެ ހިތުގައި ކުށް ފާފައާއި، ރުޅިވެރިކަމާއި، ނަފްރަތާއި، ދެކޮޅުވެރިކަން އޮވެދާނެކަމަށް ލަދުގަންނާށެވެ.”
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ އަރިހުން އިމާމް މުސްލިމު ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން ﷲُ تَعَالَى ތިޔަބައިމީހުންގެ މުދަލާއި ތިޔަބައިމީހުންގެ ބުރުސޫރައަކަށް ނުބައްލަވަތެވެ. ނަމަވެސް އެކަލާނގެ ބައްލަވާވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކާއި ޢަމަލުތަކަށެވެ”.
މީގެ އިތުރުން އިމާމް ޝާފިޢީ رَحِمَهُ اللهُއަށް ނިސްބަތް ކުރެވިފައިވާ މަޝްހޫރު ޅެމެއްގެ މާނައިގައިވެއެވެ. “ތިމަން ހިތުދަސްކުރާ އެއްޗެހި ހަނދާނުން ފިލައިގެން ދާތީ އެކަމުގެ ޝަކުވާ ވަކީޢުގެ (އިމާމް ޝާފިޢީގެ އުސްތާޛު) އަރިހުގައި ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ތިމަންނާއަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުހެލިވުމަށެވެ. އަދި އަހުރެންނަށް އިރުޝާދު ދެއްވަމުން ވިދާޅުވިއެވެ. ހަމަކަށަވަރުން ޢިލްމަކީ ނޫރެކެވެ. އަދި ﷲގެ ނޫރު ފާފަވެރިއަކަށް ނުދެއްވޭހުއްޓެވެ”.
މީގެ އިތުރުން ސަހުލު ބުނު ޢަބްދިﷲ ވިދާޅުވެފައިވެއެވެ. “އެ ހިތެއްގައި ﷲ ތަޢާލާ ރުހިވޮޑިގެންނުވާކަމެއް ވާ ހިތަކަށް ޢިލްމުގެ ނޫރު ވަނުން ޙަރާމްވެގެން ވިއެވެ.” އެބަހީ ނުވަންނާނެއެވެ. މިފަދަ އުނިސިފަތަކުން ޠާހިރު ވެގެންވާ ކަންވާރެއް ކަމުގައި އަޅަމެންގެ ހިތްތައް ލައްވާނދޭވެ!
ފާފައެއް ކުރެވިއްޖެނަމަ އިހުގެ ޢިލްމުވެރީން ފަދައިން އަވަހަށް ތައުބާވާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!

