الشَّيْخ شَفِيْعُ عَبْدُ الله
﴿ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِﱠ﴾ (الحج: ٣٢) މާނައީ:- “އަދި اللَّهގެ ޝިޢާރުތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، އެކަންތައްވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ”.
މި ކަރުދާސްކޮޅުގައި މިވަނީ ވަރަށް މަތިވެރި އާޔަތެކެވެ. މި އާޔަތުގައި ވަނީ މާތް ﷲގެ ޝިޢާރުތައް މަތިވެރި ކުރާ މީހަކު އެކަން ކުރާނީ އޭނާ ހިތުގައި ހިނގާ ތަޤްވާވެރިކަމެއްގެ ސަބަބުން ކަމަށް ބަޔާންކުރައްވާފައެވެ.
މި ކަރުދާސްކޮޅުގައި މިފަދައިން މާތް ﷲގެ އިސްމުފުޅާއި، އެ އިލާހުގެ ކަލާމްފުޅު ހިމެނިފައިވުމުން ހަމަ ގައިމު ވެސް މުއުމިނަކު މި ކަރުދާސްކޮޅު މަގު މައްޗަށް އެއްލައި ނުލާނެއެވެ. އަދި، ކިޔުމަށްފަހު، ކުނިވަށިގަނޑަށް ވެސް އެއްލައި ނުލާނެއެވެ. ހަމަ އެންމެ ސަބަބަކާ ހެދިއެވެ.
މާތް ﷲގެ އިސްމުފުޅާއި އެ އިލާހުގެ ކަލާމްފުޅު މީގައި ލިޔެވިފައި ވާތީއެވެ. އެހެނީ، އޭނާއަކީ، މާތް ﷲގެ އިސްމުފުޅު މަތިވެރި ކުރާ މީހެކެވެ. އެ އިލާހުގެ ކަލާމްފުޅު މަތިވެރި ކުރާ މީހެކެވެ. މާތް ﷲގެ ޝިޢާރުތައް މަތިވެރި ކުރާ މީހެކެވެ. އޭނާގެ ހިތުގައި ވަނީ މާތް ﷲ އަށް ބިރުވެތިކަމާއި، ތަޤްވާވެރިކަމާއި، ޤަދަރާއި ލޯތްބެވެ.
ނަމަވެސް، ހިތާމައަކީ، ބައެއް ފަހަރު، އަޅުގަނޑުމެންގެ މުޖުތަމަޢިން މިއާ ޚިލާފަށް ވެސް ކަންކަން ވަމުންދާތަން ފެނުމެވެ. ކަރުދާސްކޮޅެއް އެއްލައިލާއިރު، އެއްވެސް ބަލައިލުމެއް ނެތި އެއްލައިލާތަން ފެނެއެވެ.
ނޫސްމަޖައްލާތަކާއި، ފޮތްތަކާއި، ލިޔެކިޔުންތައް އެއްލައިލާއިރު، އޭގައި މާތް ﷲގެ އިސްމުފުޅެއް ލިޔެވިފައިވޭތޯ ނުވަތަ އާޔަތެއް ލިޔެވިފައިވޭތޯ ބަލައިނުލާ އެއްލައިލާތަން ފެނެއެވެ. މިއީ ހަމަގައިމު ވެސް މުއުމިނެއްގެ ހިތަށް ކެތްވާނެ މަންޒަރެއް ނޫނެވެ.
މާތް ﷲގެ އިސްމުފުޅު ނުވަތަ ޤުރްއާނުގެ އާޔަތްތައް ލިޔެވިފައި ހުންނަ ކަރުދާސްކޮޅެއް، ކޮންމެހެން އެއްލައިލަން ޖެހިއްޖެ ހިނދެއްގައި ކަންތައް ކުރަންވާ ގޮތްތަކެއް ވެސް އެބަހުއްޓެވެ. އެއީ، އެ ކަރުދާސްކޮޅު އަންދައިލުމެވެ. ވަޅުލުމަކީ ވެސް ޢިލްމުވެރިން ދެއްވާ ޙައްލެކެވެ. އަދި، އޭގައިވާ އިސްމުފުޅުތަކާއި އާޔަތްތައް ނޭނގޭނެ ވަރަށް ގަލަމަކުން ފަވައި ކަނޑައިލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
މިއީ ފަރުވާ ކުޑަ ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. އެހެން މީހަކު އެއްލައިލާފައިވާ ކަރުދާސްކޮޅެއް ބިންމަތިން ފެނިއްޖެނަމަ އެ ވެސް ނަންގަވާށެވެ! އެއީ، ތިބާ ސުވަރުއަށް ވައްދައިފާނޭ ސަބަބަކަށް ވެސް ވެދާނެއެވެ. އެހެނީ، މާތް ﷲގެ އިސްމުފުޅު މަތިވެރި ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ބޮޑުކަމެކެވެ. އެފަދަ މީހަކު އެ ޙާޞިލުކުރަނީ ހިތުގެ ތަޤްވާވެރިކަމެވެ. އަދި، ބޮޑެތި ފަރުބަދަތައް ވަރުގެ ޘަވާބާއި ދަރުމައެވެ.
މުޖުތަމަޢުގައި ހިނގާ މިފަދަ ކަންކަން ހުއްޓުވޭނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ޢަމަލީގޮތުން ހެޔޮ ނަމޫނާ ދައްކައިގެންނެވެ.

