الشَّيْخ مُحَمَّدُ أَفْضَل
އެއްވެސް ކަމަކީ އޭގެ ޒާތުގައި ފަސޭހަ ކަމެއް ނޫނެވެ. އަލަށް ފަށާ ކޮންމެ ކަމަކަށް ބޭނުންވަނީ ހިތްވަރާއެކު މިންނަތް ކުރުމެވެ. ކާމިޔާބަކީ ހިންމަތްތެރިންގެ ޙައްޤެކެވެ.
ޢިލްމު އުނގެނުމަކީ އެފަދަ ކަމެކެވެ. ޢިލްމު ލިބޭނީ އެކަމުގައި ދިގު މުއްދަތެއް ހޭދަކުރާ ބަޔަކަށް ކަމަށް އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ. އަދި އެ ޢިލްމު އެހެން ބަޔަކަށް ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތް އިތުރުވެފައި އެ ކަމަށް ލާންޖެހޭ ހިތްވަރު ބޮޑެވެ.
ހިންމަތާއެކު މަސައްކަތް ކުރުމުގައި ކޮންމެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ މުހިއްމު ދެ ސިފައެއް އޮވެއެވެ. އެއީ ﷲއަށް ވަކީލު ކުރުމާއި ދިމާވާ ކަންކަމަށް ކެތްތެރިވުމެވެ.
﴿إِنَّ اللَّهَ مَعَ الصَّابِرِينَ﴾ البقرة: ١٥٣ މާނައީ:- “ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.” ހިންމަތް ކުރުމަކީ ތަކުލީފުތަކުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. ކުރިމަގު ފެންނާނެކަން ޔަޤީންކުރާ ހިތަކައިގެން ﷲ އަށް ވަކީލު ކުރުމެވެ. ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމުގައި ކެތްތެރިވުމެވެ. ކަމެއް ކުރުމަށް ހިތު އަޅައިފިނަމަ އެ ކަމެއްގައި ﷲُ سُبْحَانَهُ وَ تَعَالَى އަށް ވަކީލުކުރާށެވެ! ﷲއަށް ވަކީލުކުރާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގެން ވެއެވެ.
މިކަމަށް އިޝާރާތް ކުރަށްވާ ކީރިތި ޤުރްއާނުގައި މާތް ﷲ އަންގަވަނީ، ﴿فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ﴾ آل عمران: ١٥٩ މާނައީ:- “ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ ﷲُ سُبْحَانَهُ وَ تَعَالَى ލޯބިވެވޮޑިގެންވެތެވެ.”
ﷲ އަށް ވަކީލު ކުރުމާއެކު މަސައްކަތް ކުރުމަކީ ކޮންމެހެން ކުރުން ލާޒިމު ކަމެކެވެ. މަސައްކަތް ކުރުމަކާ ނުލާ، ވަކީލު ކުރަމޭ ބުނުމަކުން ޙާޞިލްވާނޭ އެއްވެސް ކާމިޔާބެއް ނޯންނާނެއެވެ. އެހެންކަމުން ދުނިޔެއާއި އާޚިރަތުގެ ކާމިޔަބަށް މަސައްކަތްކުރާ ކޮންމެ މީހަކަށް އޮތީ ކުރަން ހިތުލި ކޮންމެ ކަމެއް ކުރުމުގައި ﷲ އަށް ވަކީލުކުރުމާއެކު، ކާމިޔާބަށް އެދި ކެތްތެރިވެ ހިންމަތް ކުރުމެވެ.

