އިސްލާމް ދީނަކީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ބާއްވައިލެއްވުނު ދީނެވެ. އެދީނަކީ އެއްވެސް ޙާލެއްގައި އަދި އެއްވެސް ޙާލަތެއްގައި އަނިޔާވެރިކަމަށް ޖާގަ ދޭ ދީނެއް ނޫނެވެ. އަދި ކިއްއެއް! އިސްލާމް ދީނަކީ އަނިޔާވެރިކަމުން މީސްތަކުން ނެރެ، ޢަދުލުވެރިކަމާއި، އިންސާފުވެރި ކަމާއެކު މީސްތަކުންނަށް އެބައިމީހުންގެ ޙައްޤުތައް ހޯދައި ދިނުމަށްޓަކައި މާތް ﷲ ޝަރުޢު ކުރައްވާފައިވާ ދީނެކެވެ.
އެގޮތުން ބަލާއިރު އިންކާރު ކުރެވެން ނެތް، ފާޅުކަން ބޮޑު ޙަޤީޤަތަކީ އިސްލާމް ދީނުގައި އަންހެން ދަރިންނަށް ދެއްވާފައިވާ ޙައްޤުތަކެވެ. އަދި ހޯދައި ދެއްވާފައިވާ ރައްކާތެރިކަމާއި ޢިއްޒަތާއި މަތިވެރި ކަމެވެ. ލޮބުވެތި މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم އަށް އިސްލާމް ދީން ބާވައިލެއްވުމުގެ ކުރިން، އަންހެން ކުދިންނަކީ މުޖުތަމަޢުގައި އެއްވެސް އަގެއް އޮތް ބައެއް ނޫނެވެ. އަދި އެއީ ބިންމަތީގައި ދިރި ހުރުމުގެ ޙައްޤު ލިބިގެންވާ ބައެއް ކަމުގައި ވެސް ގިނަ ބަޔަކު ނުދެކެއެވެ.
އެގޮތުން އެ ޒަމާނުގައި ގިނަ ބަޔަކު ދިޔައީ އެބައިމީހުންގެ އަމިއްލަ އަތުން އެބައިމީހުންގެ އަންހެން ދަރިންގެ ކަށްވަޅު ކޮނެ ދިރިތިއްބައި އެކުދިން ވަޅުލަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
“އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެއެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގަ އެވެ. އެމީހާއަށް ދެވުނު ޚަބަރުގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެއެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.”
ނަމަވެސް އިސްލާމްދީން ބާވައި ލެއްވުނީ މިހުރިހާކަމެއް މުޅިން ބަދަލުކުރެއްވުމަށެވެ. އަދި ފުރާނަތައް ރައްކާތެރިކޮށްދެއްވުމަށެވެ. އިންސާނީ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި އިންސާނުންނަށް ހޯދައި ދިނުމަށެވެ. އިންސާނީ ޙައްޤަކީ އިއްޔެއަކު ހުޅަގުން އުފަންވެގެން އައި އެއްޗެއްކަމުގައި ބަޔަކު ބުނިކަމުގައި ވިޔަސް، ޢަދުލުވެރި، އިންސާފުވެރ، ފުރިހަމަ އިންސާނީ ޙައްޤެއް ދުނިޔެއަށް ދައްކުވައިދިނީ އިސްލާމްދީނެވެ.
(الشَّيْخ زَمْزَمْ فَارِشْ)

