ދިރިއުޅުމުގެ ހާޖާތްތައް ފުއްދުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ޒިންމާދާރު ކޮންމެ މީހަކު އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކުރާނޭ ކަމެކެވެ. އެ ފައިސާ ހޭދަކުރުމުގައި ވެސް އޭނާގެ ވިސްނުން ބަހައްޓާނީ ޒިންމާދާރު ގޮތެއްގައެވެ. ބޭކާރު ޚަރަދު ނުކުރާނެއެވެ. އިސްރާފު ނުކުރާނެއެވެ.
އޭނާ އުޅޭނީ ލިބޭ މިންވަރު ދަނެގެން ބޭނުންތައް ފުއްދޭނޭހެން އެ ފައިސާ އިޤްތިޞާދުކޮށްގެންނެވެ. މިއާ ޚިލާފަށް އިސްރާފުގެ މަގުން ޚަރަދުކޮށް އުޅެނީ ޒިންމާ އެއް ނެތި ފައިސާ ލިބޭ މީހުންނެވެ. މަސައްކަތެއްގެ ގޮތުގައި ކުރާ މަސައްކަތެއް ނެތް މީހުންނެވެ. ޚަރަދެއްގެ ގޮތުގައި ކުރާންޖެހޭ ޚަރަދެއް ވެސް ނެތް މީހުންނެވެ.
އެހާ ގިނަ ލާރި ހޯދާ އިރު މި ކުރެވޭ ކަންކަމާ މެދު މުސްލިމެއްގެ ހައިޘިއްޔަތުން ވިސްނައިލުން ވަރަށް މުހިންމެވެ. ދުނިޔެއަށް އައި މި އިންސާނާ ދުނިޔެއިން ދާން ޖެހޭ ކަން ނުދަންނަ އެއްވެސް މީހަކު އުޅޭހެއްޔެވެ؟ އެ ފުރާނަ އަލުން ދިރުވާނޭ ކަން މުސްލިމުންގެ ޢަޤީދާގައި ނުވޭހެއްޔެވެ؟ ލިބޭ މުދަލާ މެދު ޖަވާބުދާރީވާން ނުޖެހޭނޭހެއްޔެވެ؟ އެ މީހަކު މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާ މެދު ޤިޔާމަތްދުވަހުން އޭނާއާ ސުވާލު ވެވޭނޭ ކަން ކަށަވަރެވެ. އެ ސުވާލަށް ޖަވާބު ދީފުމަށް ދާންދެން އޭނާގެ ފައި ހުރިތަނުން ގުޑުވައި ވެސް ނުލެވޭނޭ ކަމަށް ޞައްޙަ ޙަދީޘްގައި ވާރިދުވެފައި ވެއެވެ. މިއީ ވިސްނާން ޖެހޭ ކަމެއް ނޫންހެއްޔެވެ؟
ފައިސާ ގިނަކޮށް އިތުރު ކުރާނޭ ގޮތްތައް ކިޔައިދޭ ވަރަށް ގިނަ ފަރާތްތަކާ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުން މިއަދު ވަރަށް ގިނައިން ދިމާވެއެވެ. އޭގެތެރެއިން އެއްބަޔަކީ ރޯބުހުތާނު ދޮގު ހަދައިގެން މީސްމީހުންގެ ފައިސާ ޓެކުމުން އަތުލާ ބައެކެވެ. އަނެއްބައި މީހުންގެ ހުށައެޅުމުގައި ބުރަދަނެއް ހުރެއެވެ. މަދު ފައިސާ ކޮޅެއް ޖަމާކޮށްލައިގެން ވަރަށް ކުރު މުއްދަތެއްގައި އެ ފައިސާގެ އަދަދު އިތުރުވެ މަންފާއާ އެކު އަނބުރާ ލިބޭ ވާހަކައެވެ.
އެހެން އެކަން ވެފައި ހުންނަ ކަމުގެ ހެކިދައްކަން ޓްރާންސްފަރ ސްލިޕްތަކުގެ ފޮޓޯ ވެސް ދައްކައެވެ. އެކަން އެހެން ނުވާނޭ ބުނާކަށް ނެތީމެވެ. އެހެނަސް، އެހާ ގިނަ ލާރި ހޯދާއިރު… ކޮންމެ މުސްލިމަކު ވެސް ކުރިން ބުނި ސުވާލާއި ޖަވާބަށް ތައްޔާރު ވާންވާނެއެވެ. ފައިސާ ހޯދި ގޮތާމެދު ވެވޭ ސުވާލަށް ސާފުސީދާ ބަހުން ދޭނޭ ޖަވާބެއް ހޯދާން ވާނެއެވެ.
ތިބާގެ އަތުގައި ހުރި ފައިސާއެއް އެހެން ބަޔަކަށް ދީގެން ހެވިފައި ހުއްޓައި ލާރި އިތުރުވުން އެއީ އުފަލެއް ނޫނެވެ. އެ ބަޔަކު އެ ފައިސާ އިތުރުކުރީ ކޮން ވިޔަފާރިއެއް ކޮށްގެންތޯ ބެލުން އެއީ ފައިސާގެ ވެރިފަރާތުގެ ޒިންމާއެކެވެ. ތިބާއަށް އޭގެ ޙަޤީޤަތެއް ނޭނގޭ އެތައް ވިޔަފާރިއެއްގައި ތިބާގެ ފައިސާ ހިމަނައިފައި ލިބޭ މަންފާ ޙަލާލުތޯ ވެސް ބަލަންވާނީ ތިބާއެވެ. ލާރި ގިނަވެގެން އުފާ ކުރާއިރު އޭގެ ޙަޤީޤަތާ މެދު ޖަވާބުދާރީ ނުވެވިދާނޭތީ ހިތާމަ ވެސް ކުރާން ވާނެއެވެ.
الشَّيْخُ مُحَمَّدُ أَفْضَلْ

