އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނުރައްކާތެރި އެއް ގުނަވަނަކީ ދުލެވެ. އެއީ، އެ ދުލުން ބުނެވޭ ކޮންމެ ބަހެއް ލިޔެވި ރެކޯޑު ކުރެވޭތީއެވެ. މިކަން ބަޔާންކުރައްވައި الله تعالى ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ (ق: ١٨) މާނައީ: “ލިޔެ ރައްކާތެރިކުރާ އަދި ތައްޔާރަށް ހާޒިރުވެ ތިބި މަލާއިކަތުން އޭނާގެ ގާތުގައިވާ ހާލު މެނުވީ، އޭނާ ބުނާ ލަފުޒުގެ ތެރެއިން އެންމެ ބަހެއް ވެސް ނުބުނާނެއެވެ.” އަދި އެހެން އާޔަތެއްގައި ވަޙީކުރައްވައިފައި ވެއެވެ. ﴿وَإِنَّ عَلَيْكُمْ لَحَافِظِينَ(١٠) كِرَامًا كَاتِبِينَ(١١) يَعْلَمُونَ مَا تَفْعَلُونَ(١٢)﴾ (الإنفطار) މާނައީ: “އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުން ވެއެވެ. (އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. ތިޔަބައިމީހުން ކުރާކަންތައް އެ މަލާއިކަތުން ދެނެވަޑައިގެން ވެއެވެ.” މި އާޔަތްތަކުގައިވާ އިންޒާރަށް އަލިއަޅުވައި-ލައްވަމުން، އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ. “މީހާ ބުނާ ކޮންމެ ލަފުޒެއް ލިޔެވި، އަދި އޭނާ ކުރާ ކޮންމެ ކަމެއް ބެލެހެއްޓެވިގެންވާ ހާލު މެނުވީ، އާދަމުގެ ދަރިޔާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި އޭނާގެ ކޮންމެ ކަމެއް ލިޔަން ތައްޔާރަށް މަލާއިކަތުން ތިއްބަވައެވެ. އެންމެ ކަލިމައެއް ވިޔަސް އަދި އެންމެ ހަރަކާތެއް ވިޔަސް ދޫނުކުރެވޭ ހުއްޓެވެ.” [ތަފްސީރު އިބްނު ކަޘީރު: 13/186] ދުލަށް ރައްކާތެރިވުމުގެ މުހިންމުކަން ބަޔާން-ކޮށްދޭ ޞައްޙަ އެތައް ޙަދީޘެއް އައިސްފައި ވެއެވެ. އެ ގޮތުން ސަހްލު ބިން ސަޢްދު رضي الله عنه ގެ އަރިހުން ރިވާވެގެން ވިއެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “އެ މީހެއްގެ ދުލާއި، އޭނާގެ ލަދުވެތި ގުނަވަނަށް ރައްކާތެރިވެއްޖެ މީހާއަށް ސުވަރުގެ ލިބޭނޭ ކަމަށް ތިމަން ނަބިއްޔާ ޖާމިނުވަމެވެ.” [ޞަޙީޙުލް ބުޚާރީ: 6474] އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ވެސް ރިވާވެގެން ވެއެވެ.
ނަބީޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާ ސުވާލުކުރެވުނެވެ. “މީސްތަކުން އެންމެ ގިނައިން ސުވަރުގެ ވަންނަ ސަބަބަކީ ކޮބައިތޯއެވެ؟” ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތަޤުވާވެރިކަމާއި ރިވެތި އަޚުލާޤެވެ.” ދެން އެކަލޭގެފާނާ ސުވާލު-ކުރެވުނެވެ. “އެންމެ ގިނައިން ނަރަކައަށް ވައްދާ ސަބަބަކީ ކޮބައިތޯއެވެ؟” ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދެ ޖައުފެވެ.” (އެބަހީ: އަނގައާއި ފަރުޖެވެ.) [ސުނަން އިބްނު މާޖަހް: 4246] މި ޙަދީޘްތަކުން އެނގެނީ، ސުވަރުގެއަށް މީހަކު ވައްދާ އެންމެ ބޮޑު އެއް ސަބަބު ކަމުގައި އޭނާގެ ދޫ ވެގެންދާ ކަމެވެ. އެއީ ދުލަށް ރައްކާތެރިވެ، ނުބައި ކަންތައްތަކުން އެ ދޫ ސަލާމަތްކޮށްގެންނެވެ. އަދި ހަމައެފަދައިން، މީހާ ނަރަކައަށް ވައްދާ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރޭގައި ވެސް އޭނާގެ ދޫ ހިމެނޭކަން މި ޙަދީޘްތަކުން އެނގެއެވެ. އެއީ އޭނާ ދުލަށް ރައްކާތެރި ނުވެ، ޝަރުޢީ މިންގަނޑުތަކުގެ މަތީގައި އެ ދޫ ނުހިފަހައްޓައިފިނަމައެވެ. ވީމާ، އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލަ ދުލަށް ރައްކާތެރިވެ، ހެޔޮ ބަސްތައް މެނުވީ ނުބުނުމަށް މަސައްކަތް ކުރަންޖެހެއެވެ.
މައުލޫމާތު: الشَيْخ مُحَمَّد أَشْرَاف إِبْرَاهِيْم / ދީނުގެމަގު

