އިމްތިޙާނުތަކުގައި މަކަރު ހެދުމަކީ ޙަރާމް ކަމެކެވެ. އަދި އެއީ މުންކަރާތެއް ވެސް މެއެވެ. އެއީ އެކިއެކި މުޢާމަލާތުކުރުމުގައި މަކަރާއި ޙީލަތް ހެދުން ފަދަ ކަމެކެވެ. އަދި ބައެއް ފަހަރު މުޢާމަލާތުތަކުގައި މަކަރުހެދުމަށް ވުރެވެސް ނުބައި ކަމަކަށް އެކަން ވެދާނެއެވެ. އެހެނީ އިމްތިޙާނެއްގައި މަކަރުހަދައިގެން ފާސްވާ މީހާގެ ފެންވަރު ހުރިކަމަށް ބަލައި، ބޮޑު ޒިންމާއެއް ވެސް ހަވާލުކޮށްފާނެއެވެ. އެހެނަސް އެ ޒިންމާ އުފުލަން އޭނާ ޤާބިލު ނުވެދާނެއެވެ. އެހެންކަމުން އެއްވެސް އިމްތިޙާނެއްގައި މަކަރު ހެދުން ހުއްދަވެގެން ނުވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ. «وَمَنْ غَشَّنَا فَلَيْسَ مِنَّا» [رواه مسلم برقم: 164 – (101)] މާނައީ: “އަހަރުމެންނަށް މަކަރު ހަދައިފި މީހަކީ އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.” މަކަރުހެދުމަކީ ޚިޔާނާތެކެވެ. الله تعالى ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި ރަސޫލާއަށް ތިޔަބައި-މީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!” (سورة الأنفال: 27) އެހެންކަމުން ކިޔަވާ ކުދިންނަށް ވާޖިބުވަނީ އެއްވެސް މާއްދާއެއްގައި މަކަރު ނުހެދުމެވެ. އަދި ގަދައަށް މަސައްކަތްކޮށް އިމްތިޚާނުތަކަށް ރަނގަޅަށް ތައްޔާރުވުމެވެ. އޭރުން އިމްތިޙާނުތަކުގައި ރަނގަޅަށް ފާސްވާނެއެވެ. މަކަރު ނުހަދާ ޓެސްޓު ހަދާ މީހާއަކީ ރަނގަޅަށް ކަންކުރާ މީހެކެވެ. ބައެއް މާއްދާތައް ރިޕީޓުކުރަން ޖެހުނަސް ތިބާގެ މައްޗަށް އޮތީ ރަނގަޅަށް މަސައްކަތްކޮށް ހެޔޮ ގޮތުގައި ކުރިއަށް ދިޔުމެވެ. ފަހެ ޙައްޤަށް ތަބާވުން މާ އަޢުލާކަން ބޮޑެވެ. އަދި ހެޔޮކަން ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިގަންނާށެވެ. އަދި ހެޔޮ ނިމުން ވެސް އެފަދަ މީހުންނަށްހުށްޓެވެ. ތެދުވެރިކަމާ އެކު އިމްތިޙާނަށް ތައްޔާރުވެ މަސައްކަތްކުރަންޏާ އެ މީހެއްގެ ކަންތައްތައް الله تعالى ފަސޭހަކޮށްދެއްވާނެތެވެ. ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެއިލާހު އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (2) އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެއިލާހު އޭނާއަށް ރިޒްޤު ދެއްވާނެތެވެ.(3)” (سورة الطلاق) އަދިވެސް އެއިލާހު ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެއިލާހު އޭނާއަށް ފަސޭހަކަން ލައްވާނެއެވެ.” (سورة الطلاق: 4) އަދިވެސް ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި-މީހުން ﷲއަށް ތަޤުވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާނެ މަގު، އެއިލާހު ދައްކަވާނެތެވެ.” (سورة الأنفال: 29) الفُرْقَان އަކީ ނޫރާއި ޢިލްމާއި ހިދާޔަތެވެ. ޢިލްމު ހޯދުމުގެ ރަނގަޅު މަގުގައި ގަދައަޅާ މަސައްކަތްކުރާށެވެ. އަދި ޢިލްމު ހާސިލުރުމުގައި ގަދައަޅާ މަސައްކަތްކުރުމަށް ސަމާލުވާށެވެ. އަދި ﷲ އާ މެދު ހެޔޮކޮށް ހީކުރާށެވެ. އަދި އެއިލާހުގެ ޙަޟްރަތުން ތައުފީޤު ދެއްވުން އެދި ދުޢާކުރާށެވެ. އަދި ހެޔޮ ކަމާއި ހެޔޮ ނިމުން ހުރި ކަމުގެ އުފާވެރި ޚަބަރު ލިބިގަންނާށެވެ. އަދި މަކަރު ހަދާ އުޅޭ ބައެއްގެ ކަންތައްތައް ފެނިފައި ކެހިވެރި ނުވާށެވެ. އަދި އެ މީހުންނަށް ލިބޭ ކުރިއެރުންތައް ލިބުމަށް ވެސް ނޭދޭށެވެ. އެހެނީ އެބައިމީހުން އެ ވަނީ ބޮޑު ފާފައަކަށް އަރައިގަނެފައެވެ. އަދި ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ. -ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުނު ބާޒު رحمه الله- .
މައުލޫމާތު: الشيخ مِدْحَة عِرْفَان / ދީނުގެމަގު

