ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ފުރަތަމަ ފަހަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް އަރުވައިފިއެވެ.
އެ ޝަރަޕް އަރުވާފައިވަނީ މާފަންނު ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށެވެ.
މި ޝަރަފު އެމަނިކުފާނަށް އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަކީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރެއްވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ޝައިޚް އިސްމާޢިލްއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ.
މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި އެމަނިކުފާނު ކިޔަވާ ވިދާޅުވެފައިވަނީ ކުއްލިއަތުއް ދަޢުވާ ވަލް އުސޫލުއްދީންގައެވެ. އަދި ހަމަ އެއަހަރު ޓީޗިން މެތަޑޮލޮޖީއިން އެ ޔުނިވަރސިޓީން އިތުރު ކޯހެއްވެސް ފުރިހަމަ ކުރައްވާފައިވެއެވެ.
ޝައިޚް އިސްމާޢިލްގެ އެހީތެރިކަމާއެކު 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. އަދި މީގެއިތުރުން ޝެއިޚް އިސްމާޢީލް މުޙައްމަދު މިހާތަނަށް 40 ފޮތް ޝާއިޢުކުރައްވާފައިވެއެވެ.

