އިސްލާމީ ޔުނިވަރސިޓީގެ ކުރިމަގު ސަރުކާރުން ވަރަށް އިސްކަމެއްދީގެން ހެޔޮގޮތުގައި ބައްޓަންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވެފައިވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ ގޮތަށް އައިޔޫއެމްގެ ކުރިމަގު ބައްޓަންކުރުމަށާއި، އެ މުއައްސަސާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އައިޔޫއެމްގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ އެންމެ ބޮޑު މަސައްކަތަކީ އާ އިމާރާތެއް އެޅުމުގެ މަސައްކަތްކަމަށާއި، މިކަމަށް ބޭނުންވާ ބިންވެސް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސުކޫކު ވިއްކައިގެން އަޅާ އައިޔޫއެމްގެ ވަޤްފް އިމާރާތް “ސަނާބިލް” މަޝްރޫޢުއަކީވެސް ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިއީ އެތައް އަހަރެއް ވަންދެން ނުކުރެވި ލަސްވެފައިވާ މަސައްކަތެކެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަތޮޅުތަކަށް އައިޔޫއެމްގެ ކެމްޕަސްތައް ފުޅާކުރުމަކީ ޔުނިވަރސިޓީގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތެކެވެ.
“ކިޔަވައިގެން ނިކުންނަ ކޮންމެ ދަރިވަރެއް ވާންވާނީ ހެޔޮކަމަށް ގޮވާލާ އަދި ނުބައި ކަންކަން ނަހީކުރާ މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތްކުރާ މީހަކަށް” ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

