ދީނާގެ މުޤައްދަސް ޙަރަމްފުޅު އަލްމަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ވަޑައިގެންނެވުމުން، ގައުމުގެ އިސްލާމީ ކަންކަން ހަރުދަނާވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާ އިމާމުގެ މި ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ވަޒީރު ޝަހީމް ވިދާޅުވީ މިއީ ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަކޮށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމަށެވެ.
“އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކުރިއެރުން އަންނާނެ. އަދި ސައުދީ އަރަބިއްޔާގެ އިސްލާމީ އިދާރާ އާއި ދެ ހަރަމްފުޅާއި ދިވެހިރާއްޖެއާ އޮތް ގުޅުން ވަރުގަދަ ވެގެންދާނެ،” ވަޒީރު ވިދާޅުވި އެވެ.
40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއްގެ ޒިޔާރަތް:
މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.
އިމާމުގެ ދަތުރުފުޅުގެ މުހިންމު ހަރަކާތްތައް:
އިމާމުގެ ދަތުރުފުޅުގައި ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި މަޣްރިބް އަދި އިޝާ ނަމާދު ކުރެއްވުމާއި، ދަރުސް ދެއްވުން ހިމެނެއެވެ. އަދި ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމާއި، އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި، ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުން ހިމެނެއެވެ.
މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

