މިއަހަރު އޯލެވެލް އިމްތިޙާނު އަދި އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ކާމިޔާބީއަށް އެދިވަޑައިގަންނަވައިފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަރިވަރުންނަށް ކާމީޔާބު އިމްތިހާނަކަށް އެދިވަޑައިގަންނަވައި ނައިބުރައީސް ވިދާޅުވީ މި ދަނޑިވަޅަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގެ ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށާއި ހިތްވަރާއި ބުރަމަސައްކަތުން އުޖާލާ މުސްތަޤުބަލެއް ދަރިވަރުންނަށް ތަނަވަސްވެގެން ދާނެ ކަމަަށެވެ. ހަމަމިއާއެކު ދަރިވަރުން ކާމިޔާބީއަށް ކުރަމުންދާ ދަތުރުގެ ކޮންމެ ފިޔަވަޅެއްވެސް ފަސޭހަކޮށްދެއްވުމަށް އެދިވަޑައިގެން ނައިބުރައީސް ވަނީ ދުޢާކުރައްވާފައެވެ.
ތަޢުލީމީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 7971 ދަރިވަރަކު ބައިވެރިވެއެވެ. މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އޯލެވެލް އިމްތިހާނުގައި މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން ފުރަތަމަ އިސްލާމް އަދި ދިވެހި މާއްދާ ކުރިއަށްދާނެއެވެ.

