ސަރުކާރުގެ މުހިންމު މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ. މިކަން ހާމަކުރައްވަމުން، ރައީސް ވިދާޅުވީ މި ޗެނަލް މެދުވެރިކޮށް ސަރުކާރުގެ އަދާހަމަ ޚަބަރުތަކާއި މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ރައްޔިތުންނަށް ސަރުކާރުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒު ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި "ރައްޔިތުންނާ އެކު" ގެ ނަމުގައި ޚާއްސަ ޕޮޑްކާސްޓެއް ފެއްޓެވުމާއި، "އަހާ" ޕްރޮގްރާމުގެ ދަށުން ވަޒީރުންނާއެކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުން ހިމެނެއެވެ.
އެންމެ ފަހުން ބޭއްވި ޕޮޑްކާސްޓުގައި ރައީސް ވިދާޅުވެފައިވަނީ "ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް މިސަރުކާރުން ދޭނެ" ކަމަށެވެ. އަދި ޒުވާނުންނަށް ޚާއްސަކޮށްގެން އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ވިސްނުންފުޅު ހުރިކަންވެސް ހާމަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ މެއި 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް ހުޅުވާލެވިގެން ސުވާލުކުރުމުގެ ފުރުސަތު ދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ މި އައު ވަޓްސްއެޕް ޗެނަލާ ގުޅުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލައްވާފައެވެ. މި ޗެނަލަކީ ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ސީދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިތުރު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ

