ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސައިޓް އިންސްޕެކްޝަންގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢަކީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު ސަރުކާރުން އާރުޑީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަށް އިސްކަންދޭނެ ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި، “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އާސާރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢެވެ.”
ރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން އަންނައިރު، މި މަޝްރޫޢަކީ އެފަދަ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

