ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރާއްޖޭގެ ހަތަރު ރަށެއްގައި ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކޮށްފިއެވެ.
އާރްޑީސީން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ލ. ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ފާލަން މަގުގައި ސްޓޯމް ވޯޓާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ހއ. ދިއްދޫގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ޣާޒީ މަގުގައި މަގު ކޮނުމާއި ބެކް ފިލިންގގެ މަސައްކަތްތަކާއި، އުންމީދީ ހިނގުމުގައި ކާރބް ސްޓޯން ޗެމްފަރ ޖެހުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.
ގއ. ވިލިނގިލީގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މޫސާ މަގުގައި ކޯނާ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާފައިކަމަށް އާރްޑީސީން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އާރްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހއ. އިހަވަންދޫގެ “ކާފަ މާމަ މައިޒާން” ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް ކީ ވޯލް އެޅުމާއި، ދުވާރު ހެދުމުގެ މަސައްކަތްތަކާއި، އެ ސަރަހައްދު ސާފުކޮށް ލެވެލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
އިހަވަންދޫގައި ކުރިއަށްގެންދާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 40 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް އާރްޑީސީން މަޢުލޫމާތު ދީފައިވެއެވެ

