ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީ އާއި ނުގުޑާ ޢަޒުމުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުން ަކަމަށާއި، ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށެވެ.
ދިވެހި ސިފައިންގެ މުއައްސަސާގެ އޭރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި، ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށެވެ. އަދި ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލްކުރުމަށް ކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރެއްވުމަށާއި، ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވުމަށް ވެސް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.

