ފެންމަތީ ނުގެނބި މިހެން ތެޅިލަތެޅިލައި އޮންނަތާ ވީދުވަހެއް ބުނަން ވެސް އެނގެއެވެ. ހިތާމައަކީ މުސްލިމަކަށް ވީތީ ކޮންމެހެން ކުރަންޖެހޭ މަދުކަމެއް ކޮށްލާފައި ސުވަރުގެ ދެވޭނެކަމަށް ނިންމައިލެވުމެވެ. އަނެކާވަނީ ހާލުގައި ކަންވެސް އެނގެއެވެ. ގެނބެނީކަން ވެސް އެނގެއެވެ. އެހެނަސް ދިއްކޮށްލާނެ އަތެއް ނެތެވެ. އަތްވަނީ އަހަރެންގެ ހަނި ވިސްނުމުގައި ބަނދެވިފައެވެ. އަނެކާއަށް އަތެއް ދިށްކޮށްލައިފިއްޔާ ގެނބޭނީ ފުރަތަމަ އަހަރެންކަން ވެސް އެނގެއެވެ. ސަދަޤާތް ކުރަންވީ ރޯދަމަހުގައިކަން އެނގެއެވެ. އެރެޔާ ދިމާވެއްޖެ ނަމަ އެއްހާސް މައްސަރުގެ ސަވާބު ލިބޭބޭކަން އެނގެއެވެ. އަނެކާ މުޅި އަހަރު އުޅެނީ ހާލުގައިކަން ވެސް އެނގެއެވެ. ބޭނުން ވިޔަސް އެހެން މަހެއްގައި އެއްޗެއް ދިއްކޮށްލެވެން ނެތީކަން އެނގެއެވެ.
ވަރަށް ގިނަ ކަންކަން އެނގޭ "އަހަރެން"

އަހަންނަށް ވަނީ ވަރަށް ގިނަ ކަންތައްތައް މިއަދާހަމައަށް އައިއިރުގައި ދަސްވެ ތަޖުރިބާކުރެވިފައެވެ. އަހަންނަށް ދުނިޔެ ދަސްވެ އެނގެއެވެ.
ދުނިޔޭގައި އުޅެވޭނެ ވަރަށް ފައިސާ ހޯދޭނެ މަސަކަތެއް އެނގެއެވެ. ފުށް ނުޖެހިޔަސް ރީތިވެ ނަލަވާން އެނގެއެވެ. ރީތި ސިފަތަށް ވެސް މަދެއް ނޫންކަން އެނގެއެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރަން އެނގެއެވެ. ސައިކަލު ދުއްވަން ނޭނގުނިއްޔާ ޓެކްސީގައި ނުވަތަ ބަހުގައި ދަތުރުކުރަން އެނގެއެވެ. ދާންވީތަން ބުނަން އެނގެއެވެ. ދާންވީތަން ބުނާނެ ބަސް ވެސް އެނގޭލެއް މަދެއްނޫނެވެ.
ދިވެހިން އަދި އިނގިރޭސިބަސްވެސް އެނގެއެވެ. ޓެކްސީގައި ލަވައެއް ޖަހާފައި ހުރިއްޔާ އެ ލަވައިގެ ބާކީބައި ވެސް އެނގެއެވެ. ނުވިތާކަށް އެދުވަސްވަރު ޖެހި މުޅި ޕްލޭ ލިސްޓް އެނގެއެވެ. އެހެން ނަމަވެސް ޤުރުއާން ޖަހާފައި ހުރިއްޔާ ދެން އޮންނަ އާޔަތް އެނގޭނީ މަދު ފަހަރެއްގައެވެ. އާޔަތް އެނގުނަސް މާނަ އެނގޭނީ ތަރުޖަމާބެލީމައެވެ. އެކަމަކު އަހަންނަކީ މުސްލިމެއްކަން ޔަޤީންކަމާ އެކު އެނގެއެވެ.
ދުނިޔޭގައި ދެރަޔާއި ވޭނުގައި ވެސް އުޅެން އެނގެއެވެ. ނުގެނބި ފަތަން އެނގެއެވެ. ފަތަން ނޭނގުނިއްޔާ ފެންމަތީ އޮންނަން އެނގެއެވެ. ފޯނާއި ކޮންޕިއުޓަރު ކަހަލަ އާ އީޖާދުތަކަކީ އަތްފަރިތަ އެއްޗެއްސެވެ. އެއް ޒަމާނެއްގައި ފްލޮޕީއެއް ނުނެގި އިނދެގެން ކޮންޕިއުޓަރު ނުހުޅުވިގެން އުޅުނަސް މިހާރު އަހަންނަށް އެކަން ވެސް އެނގެއެވެ. އަހަރެން ދުނިޔޭގައި ކުރަންވީ ކަންކަން އެނގެއެވެ. އަހަންނަކީ މުސްލިމެއްކަން ވެސް އެނގެއެވެ.
މުސްލިމަކަށްވީތީ ކުރަންވީ ކަންތައް ވެސް އެނގެއެވެ. ނުކޮށް ދޫކޮށްލަންވީ ކަންކަން ވެސް އެނގެއެވެ. ނަމާދު ކުރަންވީ ކީއްވެކަން ވެސް އެނގެއެވެ. ކޮންމެ ހަރަކާތެއްގައި މަޑުމައިތިރިވެ ޚުޝޫޢަތްތެރިކަން ހުންނަން ޖެހޭކަން ވެސް އެނގެއެވެ. އެހެން ނަމަވެސް ވަގުތުގެ ދަތިކަމުން އެކަން އެހެން ނުކުރެވޭކަން ވެސް އެނގެއެވެ. ތަރުޖަމާކޮށްގެން އެނގޭ ބަހަކަށް ބަދަލުކޮށްގެން ނޫނީ ނަމާދާއި ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ މާނަ ނޭނގޭކަން ވެސް އެނގެއެވެ. ދުވަހެއް ނިމިދާއިރުގައި ޤުރްއާނުގެ އާޔަތެއް ވެސް ނުކިޔެވޭކަން އެނގެއެވެ. ޢަރަބިބަސް ދަސްކުރަން އުޅޭތާ ނުވަތަ ބޭނުންވާތާ ވަރަށް ދުވަސްވެއްޖެކަން ވެސް އެނގެއެވެ. ވަގުތު ނުވަނީކަން ވެސް އެނގެއެވެ.
އިސްލާމީ ރިވެތި އުސޫލުން ދަރިން ބޮޑުކުރަން ބޭނުންވާކަން އެނގެއެވެ. އެހެން ނަމަވެސް ދެއްކޭނެ ތާރީޚީ ޝަޚްސިއްޔަތެއް ނޭނގޭކަން އެނގެއެވެ. ބައެއް ބޭފުޅުންނާއި ބޭކަނބަލުންގެ ނަންތައް އެނގެއެވެ. އިތުރަށް ދަރިންނަށް ކިޔައިދޭނެ އެ ބޭފުޅުންގެ ޢިބްރަތްތެރި ވާހަކައެއް ނޭނގޭކަން އެނގެއެވެ. އެހެން ނަމަވެސް އަހަންނަކީ “ފަޚުރުވެރި މުސްލިމެއްކަން” އެނގެއެވެ.
ޤުރްއާނުގައި ހެއްދެވި ފަރާތުން އެތައް އާޔަތެއްގައި ބިރެއްނެތި ހޭދަކުރުމަށް އަނގަވާފައިވާކަންވެސް އެނގެއެވެ. އެކަމަކުވެސް ހަމަ އެއްޗެއްދިއްކޮލެވެނީ ރޯދަމަހު އެކަންޏެވެ. އެ މަސް ވެސް ނިމިގެން މި ދިޔައީކަން އެނގެއެވެ. އެޔާ އެކު ދަމުނަމާދު ވެސް ދިޔައީކަން އެނގެއެވެ. އެ މަހުގައި އަހަރެންގެ ޢަމަލުތައް ގެންގުޅެވުނު ގޮތާއި ހެޔޮ ޢަމަލުތައް ވެސް ނިމުނީކަން އެނގެއެވެ.
އަހަންނަކީ އެކަމަކު ވެސް ހަމަ މުސްލިމެއްކަން އެނގެއެވެ.
(ލިޔުއްވީ: ޝާން ބިން ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ / ލިޔުންތެރިންގެ ގުޅުން)
