ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 7ވަނަ އަސާސީ ތަމްރީނު ކޯސް މާލޭގައި ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގެ 7ވަނަ ބުރު ފަށާފައިވާ ކަމަށެވެ.
އިއްޔެ ފެށި މި ކޯސް ކުރިއަށް ގެންދަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މާލޭ ކެމްޕަހުގައެވެ.
މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ އެންޑް ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް ، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަރ ކޮންޓްރޯލް، ލޯ އެންޑް ޕްރޮސީޖްރަލް ނޮލެޖް، ކޮމިއުނިކޭޝަން ސްކިލްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ކްލާސްތައް ކުރިއަށް ގެންދާނެއެވެ.
މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ 25 ފުލުހުން ބައިވެރިވެއެވެ. އެއީ 16 ފިރިހެން ފުލުހަކާއި ނުވަ އަންހެން ފުލުހުންނެވެ.
ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ކެމްޕަހުގައި މިމަހު 13 ވަނަ ދުވަހު ފެށިގެން ކުރިއަށް އެބަ ގެންދެއެވެ.

