އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެންދަވަނީ ޕްރެފަރަންޝަލް ވޯޓިން ނިޒާމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މީސްމީޑިއާގެ ޕްލެޓްފޯމް “ވަޓްސްއެޕް” ގައި އަލަށް އުފައްދަވާފައިވާ ރަސްމީ ޗެނަލެއްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ހާމަކުރެއްވުމަކީ، މިދިޔަ ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމާ ގުޅޭގޮތުން ރައްޔިތުންގެ ވޯޓެއް ނެގުމަށް ނިންމަވާފައިވާކަން ހާމަކުރެއްވުމަށްފަހު އައި އިތުރު ތަފްސީލެކެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ވެސް ދިރާސާތައް ކުރަމުންދާ ކަމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިހާރު ގެންދަވަނީ “ޕްރެފެރެންޝަލް ވޯޓިން” ހޭޝްޓެގް ބޭނުންކުރައްވައިގެން ސޯޝަލް މީޑިއާގައި ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ. މި ކެމްޕޭނުގައި އަމާޒުކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށެވެ.
ޕްރިފަރެންޝަލް ވޯޓިން ނިޒާމަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ނިޒާމަށް ބަދަލުވުމުން ރިޔާސީ އިންތިޚާބުގެ ދެ ބުރަށް މިލިއަނުން ކުރަންޖެހޭ ޚަރަދުތައް ސަލާމަތްވެގެންދާނެއެވެ. އަދި މީގެ އިތުރުން، މެޖޯރިޓީ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްކަން ސާފުކޮށް އެނގިގެންދާނެ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.

