ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން މިއަދު ދިން މައުލޫމާތުގައި، ލ. ގަމުގައި މިވަގުތު ކުރިއަށްދަނީ ފޭސް 2 ސަރަހައްދީ މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތާއި، މަގު ކޮނުމާއި ބެކް ފިލިންގްގެ މަސައްކަތް ކަމަށް ބުނެފައިވެއެވެ. އަދި ގއ. ކޮލަމާފުށީގައި ދަންނަ އާދަމް ސައީދު މަގުގައި ދުވާރު ހެދުމުގެ މަސައްކަތާއި ތުއްތު ކަތީން މަގުގައި ކީވޯލްގެ މަސައްކަތް ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ގއ. ވިލިނގިލީގެ ފޭސް 2 ގެ ދަށުން ކުދެކަތިބެއްޔާ މަގުގައި ދުވާރު ހެދުމުގެ މަސައްކަތާއި މޫސާ މަގުގައި ކޯނަރ ކާބްސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އާރްޑީސީން ހާމަކޮށްފައިވެއެވެ.
އާރްޑީސީން މިހާރު ދަނީ ދެކުނުގެ ޖުމްލަ ހަ ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަމުންނެވެ. މި ރަށްތަކުގެ ތެރޭގައި ތ. ތިމަރަފުށި، ލ. ގަން ފޭސް 2، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި ފޭސް 2، ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫ ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ދަށުން ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފެންހިންދާ ނިޒާމު ޤާއިމްކޮށް، ދުވާރުތައް ހަދައި، މަގުތަކުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެއެވެ.

