ދަރިފުޅު ބަސްއަހާ ކުއްޖަކަށް ހެދުމަށްޓަކައި އެކުދިންނާ ވާހަކަ ދެއްކުމާއި އެކުދިންނާމެދު ކަންކަން ކުރެވެނީ ކޮންކޮން ގޮތަކަކަށް ކަން ވިސްނައި އެނގެންވާނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ އެންމެ މުހިންމު އެއް ޒިންމާއެވެ. ދަރިން ބަސްއަހާ ކުދިންގެ ގޮތުގައި ބޮޑުކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ އެކުދިންނާ މުޢާމަލާތު ކުރާއިރު މަޑުމައިތިރި އުސްލޫބެއް ގެންގުޅުމެވެ. މިކަމަކީ ކޮންމެ މައިންބަފައިންނެއްވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
މަޑުމައިތިރި އުސްލޫބުގެ މުހިންމުކަން: ކުދިންނާ މުޢާމަލާތު ކުރާއިރު މަޑުމައިތިރި އުސްލޫބެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުދިންނަށް އިރުޝާދު ދޭއިރު، އެކުދިންނާ ވާހަކަދައްކާއިރު، އަދި އެކުދިންނަށް ކަންކަން ކިޔައިދޭއިރު މަޑުމައިތިރިކަމާއެކު ކަންކަން ކުރުމުން އެކުދިންގެ ކިބައިން އެދެވޭ ނަތީޖާ ފެންނާނެއެވެ. ހަރުކަށި އުސްލޫބަކުން ވާހަކަދެއްކުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ވާހަކަދެއްކުމުން ކުދިންގެ އެއްބާރުލުން ލިބޭނެއެވެ.

ކުދިންނާ ދިމާއަށް އަޑުލައި އަނިޔާކުރުމުން ގޮތްފޮތް ކެނޑި ލަދުހަޔާތް ކެނޑި ނުބައި ގޯޅި އެޅުން އަވަސްވާނެ / ފޮޓޯ: ޖޮޒްކިޑްސް
ރުޅިއައުމުން ދުރުހެލިވުން: ދަރިންނާ މުޢާމަލާތު ކުރާއިރު ރުޅިއައުމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ރުޅިއައިސްގެން ވާހަކަދެއްކުމުން ކުދިންގެ ހިތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެހެންކަމުން ރުޅިއަންނަކަން އިހުސާސްވާނަމަ، ކުއްޖާއާ ވާހަކަދެއްކުމުގެ ކުރިން ހަމަޖެހިލުމަށް ވަގުތުކޮޅެއް ނެގުމަކީ މުހިންމު ކަމެކެވެ. ފުން ނޭވާއެއްލުން ނުވަތަ ހުރިތަނަކުން ދުރަށް ޖެހިލުންފަދަ ކަންކަން ކުރުމަކީ ރުޅި ކޮންޓްރޯލް ކުރުމަށް ރަނގަޅު ގޮތްތަކެކެވެ.
ކުއްޖާއާ މުޢާމަލާތު ކުރާނެ ގޮތް: ކުއްޖާއާ ވާހަކަދައްކާއިރު އެކުއްޖާއާ ގާތަށް ގޮސް، އެކުއްޖާއާ އެއްވަރަށް ތިރިވެ، ލޮލާ ލޯ ބައްދަލުވާގޮތަށް ހުރެ، އެކުއްޖާގެ ނަން ބޭނުންކޮށްގެން ވާހަކަދެއްކުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ވާހަކަދެއްކުމުން ކުއްޖާގެ ސަމާލުކަން ލިބި، އެކުއްޖާ ބުނާ އެއްޗަކަށް ކަނުލައި އަޑުއަހާނެއެވެ. ކުޑަކުދިންނަށް ބޭނުންވަނީ ލޯތްބާއި ސަމާލުކަމެވެ، އަޅާލުމާއި އޯގާތެރިކަމެވެ. އެކުވެރިކަމާއި ގާތްކަމެވެ. ގިނަ މުދާތަކެއް ދިނުމަކުން ނުފުދޭނެކަމާއި އަޑުލައި އަނިޔާކުރުމުން ގޮތްފޮތް ކެނޑި ލަދުހަޔާތް ކެނޑި ނުބައި ގޯޅި އެޅުން އަވަސްވާނެއެވެ.

ދަރިފުޅު ބަސްއަހާ ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރުމުގައި އަބަދުވެސް ރަނގަޅުގޮތް ހިޔާރުކުރާށެވެ: ޖޮޒްކިޑްސް
ތަޢުރީފާއި ހިތްވަރުދިނުން މުހިންމުކަން އަބަދުވެސް ދަންނަންވާނެއެވެ، ހުދު ތިމާ ކިހާ ބޮޑުވެފައި ހުރުމާއެކުވެސް މީހުންގެ ތައުރީފާއި ހެޔޮބަސްތަކުން އުފާވާވަރު އިހުސާސްކޮށްލަބަލާށެވެ. އެހެންކަމަށްވާނަމަ ކުޑަކުދިންނަށް އެކަންކަން މުހިންމުވާނެ ވަރު ދެނެގަންނާށެވެ. ކުދިންނަށް ހަވާލުކުރެވޭ ކަންކަން ކުރާއިރު އެކުދިންނަށް ތަޢުރީފުކޮށް ހިތްވަރުދިނުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ކަންކުރުމުން ކުދިންގެ ހިތްތަކުގައި އިތުބާރު އުފެދި، އިތުރަށް ރަނގަޅަށް ކަންކަން ކުރުމަށް ބާރަކަށް ވާނެއެވެ. އަދި ހަވާލުކުރެވޭ ކަންކަން ކުރުމުގައި އެކުދިންގެ އެއްބާރުލުން އިތުރުވެގެންދާނެއެވެ.
ބިރުދެއްކުމާއި ހަރުކަށި އަދަބުދިނުމުގެ ނޭދެވޭ އަސަރުތައް ކުރާނީ ހިތަށްވެސް ނާރާ ފަދަ ގޮތަކަށް ކަން ވިސްނައި ދެނެގަންނާށެވެ، އަދި އެބަދަލު ފެންނާނީ ތިމާއަށް އިހުސާސްކުރަން ދަތިވާފަދަ ހާލަތެއްގައި ކަމަށްވުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން މިކަމާމެދު ފިސާރި ފިނިސިކުނޑިއަކުން އަމާންކަމާއެކު ހިމޭނުން އިނދެ ވިސްނާލާށެވެ. ބައެއް ބެލެނިވެރިން ކުދިންނަށް ބިރުދައްކައިގެން ނުވަތަ ހަރުކަށި އަދަބުދީގެން ކަންކަން ކުރުވަން މަސައްކަތްކުރެއެވެ. ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ. މިގޮތަށް ކަންކުރުމުން ކުދިން ކަންކަން ކުރަނީ ހަމައެކަނި ބިރަށްޓަކައެވެ. އޭގެ ސަބަބުން އެކަމުގެ ހަޤީޤީ މަޤްޞަދު ގެއްލި، އެކަމުގެ ފައިދާ ކުޑަވެގެންދެއެވެ.

ދަރިފުޅު ބަސްއަހާ ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރުމުގައި އަބަދުވެސް ރަނގަޅުގޮތް ހިޔާރުކުރާށެވެ: ޖޮޒްކިޑްސް
އަދި އެއްކަލަ ކުއްޖާ އެއަދަބުން އަމިއްލަ ނަފުސާއި އަމިއްލަ ޖިސްމު ސަލާމަތް ކުރުމަށްޓަކައި ކުރާނީ ކޮންފަދަ ކަަމެއްކަން ނޭނގޭނެއެވެ. ހުދު އެކުދިންނަށްވެސް ބިރާއި ރުޅިއާއި ލަދާއި ތަދުން ސަލާމަތްވުމަށްޓަކައި އަނދިރިފުން ބިރުވެރި ވަޅުގަނޑަކަށް ފުންމާލެވޭއިރު ހެވާއިނުބައިގެ އެއްވެސް ވިސްނުމެއް ނުހުންނާނެއެވެ. އެހެންކަމުން ތިމާމެން ބޮޑެތި މީހުން ކުޑަކުދިންގެ ޅަ ސިކުނޑިތައް ޝައިތާނާގެހާއްޔަށް ހެދުމަށް ދޫކޮށްލުމުގެ ކުރިން ހަފަހަރުވެސް ވިސްނާލާށެވެ. މިއަދު ހަޅޭއްލަވައި އަނިޔާކުރާނީތޯ ނޫނީ ލޯބިން ނަސޭހަތްދީ ވިސްނައިދޭނީތޯ ، ގޮތް ނިންމާނީ އަމިއްލައަށެވެ، އެކަމަކު ރަނގަޅު ގޮތް ހިޔާރު ކުރުމުން ނަތީޖާ ރަނގަޅުވާނެކަން ދަންނާށެވެ.
ދަރިން ބަސްއަހާ ކުދިންގެ ގޮތުގައި ބޮޑުކުރުމަށްޓަކައި މަޑުމައިތިރި އުސްލޫބަކުން އެކުދިންނާ މުޢާމަލާތުކޮށް، އެކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ބިރުދެއްކުމާއި ހަރުކަށި އަދަބުދިނުމުގެ ބަދަލުގައި ލޯބިން މުޢާމަލާތުކޮށް، ކަންކަމުގެ ރަނގަޅު ސަބަބު ވިސްނައިދިނުމަކީ ކުދިންގެ ކިބައިގައި ހެޔޮ އަޚްލާޤު އަށަގެންނެވުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.

