ހިތްވަރާއި އަޒުމާއެކީ މަސައްކަތް ކޮށްފިނަމަ ފޮނި ކާމިޔާބަކީ ދުރުގައިވާ ކަމެއް ނޫނެވެ.
އެފަދަ ސާބިތު ކަމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދި މިސާލަކީ މަދްޔަ ޕްރަދޭޝްގެ ބިންޑްގައި ދިރިއުޅޭ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ރޯޝަނީ ބަޑޯރިޔާ އެވެ. އޭނާ ކިޔެވުމަށް ދިން ޝައުގުވެރިކަން ސާބިތުކޮށްދީ ހިއްމަތާއެކުއެކުއުފުލިބުރަޔާ ތަކުލީފުގެ ނަތީޖާއަކީ ގްރޭޑް 10 ގެ އިމްތިހާނުން 98.75 ޕަސެންޓް މާކްސް ހޯދައިގެން އެންމެ މަތީ ފާސް ހާސިލު ކުރުމެވެ.

ދުވާލަކު 24 ކިލޯމީޓަރު ބައިސްކަލުގައި ސްކޫލަށް
ގެއިން ފެށިގެން ސްކޫލަށް ދިޔުމަށް ދުވަހަކު 24 ކިލޯމީޓަރު ބައިސްކަލް ދުއްވަން ޖެހުމެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތު ތަޤުދީރުގައި ލެއްވި ގޮތާއިމެދު ޝުކުރުވެރިވާ ޙާލު މައިންބަފައިންގެ އުންމީދުތައް ޙާސިލު ކުރުމަށްޓަކައި ކުޑަކުޑަ ރޯޝަނީ ބަޑޯރިޔާ ވީ ބޮޑު ޤުރުބާނީ މިއަދުވަނީ މުޅި ދުނިޔެއަށް ނަމޫނާ އަކަށް ވެފައެވެ.
އިންޑިޔާ ފަދަ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ އެތައް މިލިއުން ކުދިން ކިޔެވުމަށް މިފަދަ ބުރަ މަސައްކަތް ކޮށް ނަތީޖާ ނެރެމުން ދާއިރު ދިވެހިރާއްޖޭގެ ދަރިވަރުން މުޅިން ތަފާތު ޙާލަތެކެވެ.މާތްﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ދިވެހިންނަށް ވަނީ އެތައް ފަސޭހަ ތަކެއް މިންވަރު ވެފައެވެ. ގިނަގުނަ ނިޢުމަތްތަކެއް ފަހިވެފައެވެ. ކުދިންނަށް އޮތީ ގަދައަޅައި ކިޔެވުމެވެ. އިމްތިހާނު ތަކުން ރަނގަޅު ނަތީޖާ ހާސިލު ކުރުމެވެ.

