ހުޅުމާލެ ފޭސް 2ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ ސާޒް، އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާން އާއި މ. ވިލާތުކުންނާރުގެއާގެ، އުމުރުން 36 އަހަރުގެ މުޙައްމަދު ޒަޢީނެވެ.
މިމަހުގެ 19 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 2ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައިވެއެވެ.
ބަަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 968.6 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގުކުރަމުންނެވެ.

