ރާއްޖޭގައި ދެމުންގެންދާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި ތަރައްޤީކުރާ ޕޯޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، “އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިވަނީ، ޕޯޓެއް ނެތި ފެށީވެސް މިކަން އަވަހަށް ފެށުމަށް، އުތުރުގައި ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްދަނީ އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއި އެކު ކުރެވެމުން” ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ޚިދުމަތަށް އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. މި ޚިދުމަތް ފޯރުކޮށްދެނީ އެސްޓީއޯއިން ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، މި ޚިދުމަތުން ރަނގަޅު އާމްދަނީއެއް ލިބެމުންދާ ކަމަށާއި، އާމްދަނީގެ ތަފްސީލީ މަޢުލޫމާތު އެނގޭނީ އެސްޓީއޯއަށް ކަމަށެވެ. އަދި އިންޓަރނޭޝަނަލް ބަންކަރިންގއާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތާއި، ބަންކަރިންގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މި ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓު ގެނެސްފައެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އުތުރުގައި ތަރައްޤީކުރާ ޕޯޓުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ބަންކަރިންގ ސެކްޓަރަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

