މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝައިޚަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ރަތްދޫލައިގެ މަރުޙަބާއެއް ދެންނެވުނެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިން ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމާއި، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ބައްދަލުކުރެއްވުމުގެ އިތުރުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ބައްދަލުކުރައްވާނެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާވެސް ބައްދަލުކުރައްވާނެއެވެ.
ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ. އަދި ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާކުރެވިފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ރަސްމީ ޒިޔާރަތެއްވެސް ކުރައްވާނެއެވެ.
ޝައިޚްގެ ދަތުރުފުޅުގެ ތެރޭގައި 23 އޭޕްރިލް ވާ ބުދަ ދުވަހުގެ ރޭ ސަލްމާން މިސްކިތުގައި މަޣްރިބް އަދި ޢިޝާ ނަމާދު ކުރެއްވުމާއި، 24 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ޢިޝާ ނަމާދު ކުރެއްވުމަށްފަހު ޚާއްޞަ ދަރުހެއް ދެއްވުން ހިމެނެއެވެ. އަދި ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރައްވާނީވެސް ޝައިޚް ޑރ. ޞަލާޙުލް ބުދައިރެވެ.

