މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ލޭބަރ ފޯސް ސާރވޭއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ފަށައިފިއެވެ. މި ސާރވޭ ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސާރވޭގައި ފިނޭންސްގެ ޓީމުތައް ޒިޔާރަތްކުރާނީ ރެންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކަކަށެވެ. މި ސާރވޭގެ ތެރެއިން މައިގަނޑު ގޮތެއްގައި އެއްކުރާނީ ތަޢުލީމާއި، ހިޖުރަކުރުމާއި، ވަޒީފާ އަދި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލީ މަޢުލޫމާތެވެ.
މީގެ އިތުރުން، ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްސީލާއި ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރުގެ މަޢުލޫމާތުވެސް ހޯދާނެއެވެ. އަދި އާމްދަނީ ލިބޭ މަސައްކަތްކުރާ އާބާދީއާއި އެފަދަ މަސައްކަތެއް ލިބިފައިނުވާ އާބާދީގެ ތަފްސީލްވެސް މި ސާރވޭގެ ތެރެއިން އެއްކުރެވޭނެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ސާރވޭގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ލޭބަރ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން، ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް ދެނެގަތުމާއި، ހިޖުރަކުރާ މީހުންގެ ނިސްބަތް ހޯދުމަށްވެސް މަސައްކަތްކުރެވޭނެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ސާރވޭގެ ނަތީޖާތައް ބޭނުންކުރެވޭނީ އާބާދީގެ ޕްރޮޖެކްޝަންތައް އަދާހަމަކުރުމަށާއި، “ޑީސެންޓް ޖޮބްސް” އިންޑިކޭޓަރ އެކުލަވާލުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަތުމަށެވެ.

