އައު އީޖާދުތަކާއި ވިސްނުންތަކުގެ ތެރެއިން ރާއްޖޭގެ ދެމެހެއްޓެނިވިކަމާއި ކުރިއެރުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އ.ދ އިން ފާހަގަކުރާ މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމަށް އިސްކަންދޭ ރާއްޖެއަކަށް ބިނާކުރުމަށް އަމާޒު ހިފަންޖެހޭ ކަމަށެވެ. “އެފަދަ ރާއްޖެއެއްގައި ކޮންމެ ކުއްޖަކަށްވެސް ދެކޭ ހުވަފެންތައް ހާސިލްވެ، ކޮންމެ ފަންނުވެރިއެއް ކުރިއަރާނެ” ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް މަގުޗާޓެއް އެކުލަވާލައި މިދިޔަ އަހަރު ވަނީ އިފްތިތާޙްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތެރިންނަށް ބޭރުގެ މާކެޓުތަކަށް ވާސިލުވެ، އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
މި މަސައްކަތުގެ ތެރެއިން، ޕޭޕަލް ފަދަ ޚިދުމަތްތައް ތަޢާރަފްކުރުމަށް މަޝްވަރާކުރެވި، ޓިކްޓޮކް ވަފުދާއެކު ޑިޖިޓަލް މޮނިޓައިޒޭޝަންގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ އާމްދަނީ ހޯދޭނެ ވަސީލަތްތަކެއް ކަމަށެވެ.
ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމްކުރުމަކީ ރައީސް ޑރ މުއިއްޒު ގެ ވަޢުދުފުޅެއް ކަމަށްވާއިރު، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދަނީ ލިބޭނެ ގޮތްތަކާ ގުޅޭގޮތުން ސަރުކާރުން ދަނީ އެކި މަންސަތަކުގައި މަޝްވަރާކުރަމުންނެވެ.

