ދިވެހި ފިލްމީ ދާއިރާގައި މަގުބޫލު ބަތަލާއެއްގެ ގޮތުގައި ފާހަގަވެފައިވާ އައިމިނަތް ރަޝްފާ (އާޝާ) އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސް، ބުރުގާ އެޅުމަކީ ވަގުތީ ކަމެއް ނޫންކަން ކަށަވަރުކޮށްދީފިއެވެ.
އާޝާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ސޯޝަލް މީޑިއާގައި ބުރުގާ އަޅައިގެން ހުރި ފޮޓޯއަކާއެކު "My past doesn’t deserve a place in my future" މި ޖުމްލަ ލިޔެ ޕޯސްޓްކުރުމާ އެކުގައެވެ. އޭނާގެ މުސްތަގުބަލުގައި އޭނާގެ މާޒީއަށް އެއްވެސް ޖާގައެއް ހައްގު ނޫން ކަމަށް ބުނި މިބުނުމުން ދޭހަ ވަނީ އޭނާއަށް ހަގީގަތުގައި ވެސް ވަރަށްވެސް ހެޔޮ ބޮޑު ބަދަލެއް އަތުވެއްޖެކަމެވެ. މި ބަދަލާއެކު އޭނާގެ އިންސްޓަގްރާމް އަދި ފޭސްބުކް އެކައުންޓްތަކުން ކުރީގެ ހުރިހާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ފޮހެލާފައެވެ.

މި ތަސްވީރާއެކު ކޮށްލި ޕޯސްޓެއްގައި/ އެފްބީ"My past doesn’t deserve a place in my future"އާޝާ ބުނީ
މައުލޫމާތު ލިބޭ ގޮތުގައި އާޝާ ބުރުގާ އެޅުމަށް ނިންމާފައިވަނީ ފާއިތުވި މަހު އޭނާގެ އާއިލާއާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔުމަށްފަހުގައެވެ. އަދި މިހާރު އޭނާގެ ސޯޝަލް މީޑިއާގައި ފެންނަން ހުރީ ފަލަސްތީނުގެ މައްސަލައާ ގުޅޭ ކޮންޓެންޓާއި، ބުރުގާ އަޅައިގެން ނަގާފައިވާ މަދު ފޮޓޯތަކެކެވެ.
މައުލޫމާތު އެނގޭ ފަރާތެއް ބުނާ ގޮތުގައި މިވަގުތު އާޝާ ވަނީ ފިލްމީ ދާއިރާގެ އެންމެހާ ހަރަކާތްތަކުން ދުރަށް ޖެހިލުމަށް ނިންމާފައެވެ. އެކްޓިންގ އާއި ފޮޓޯޝޫޓްތަކާއި މީޑިއާގެ އެކިއެކި ހަރަކާތްތަކުން ވަގުތީ ގޮތުން ބްރޭކެއް ނަގާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.
2019 ވަނަ އަހަރު "ގޮށްރާޅު" ފިލްމުން ފިލްމީ ދާއިރާއަށް ތައާރަފުވި އާޝާ އާންމުންގެ ލޯބި ހޯދާފައިވަނީ ޓިކްޓޮކް މެދުވެރިކޮށް ކުރި މަސައްކަތްތަކުންނެވެ. އޭގެފަހުން އޭނާވަނީ ގިނަ ފިލްމުތަކާއި ޓީވީ ޝޯތަކުގައި ބައިވެރިވެ، ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު ތަރިއަކަށް ވެފައެވެ.

އާޝާގެ ތަފާތު އަދި އެހާމެ ހިތްގައިމު ފުރަތަމަ ފެނިލުން، އާއިލާއާއެކު އުމުރާގެ އަޅުކަމުގައި/ ފޮޓޯ:ސޯޝަލްމީޑީއާ
ފިލްމީދާއިރާއާއި ސޯޝަލްމީޑިއާގެ އެކި މަންސަތަކުން އާޝާގެ އެކިއެކި ލަވަތަކާއި ނެށުންތައް ފެނުނު ދުވަސް މާޒީވީކަމަށް އުއްމީދު ކުރާ މީހުންނަށް މިއީ އުފާވެރި ހަބަރަކެވެ. ޝިކާރަކޮށްލީ ފަދަ އަސަރުގަދަ ލަވަތަކުން ނުފެނުނު ނަމަވެސް އާޝާގެ ފޭނުން އެދޭނީ އޭނާއަށް ހެޔޮގޮތްވުންކަން ޔަގީނެވެ،

