ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 9 ގައި ސްޓެލްކޯއިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން 30 މިނެޓަށް ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން އަންގައިފިއެވެ.
ސްޓެލްކޯއިން މިއަދު ދިން މައުލޫމާތުގައިވާ ގޮތުން، މި މަސައްކަތް ކުރިއަށްދާނީ މާދަމާ (22 އެޕްރީލް 2025) ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި މި މަސައްކަތުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މި މަސައްކަތް ކުރިއަށްދާނީ އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެންނެވެ. އަދި މާދަމާ މަސައްކަތް ކުރިއަށްދާނީ ހަމައެކަނި ޓަވަރު 9 ގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ސްޓެލްކޯއިން ދަނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި އިތުރު އިންޖީނުތަކެއްވެސް ވަނީ އޮޕަރޭޝަނަށް ތައްޔާރުކޮށްފައެވެ.

