ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދައުވާކޮށްދިނުމަށް އެދުނު ދެ ފުލުހުންނަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި، މި މައްސަލާގައި ދެ ފުލުހުންނަށް ދައުވާ ނުކުރަން ނިންމާފައިވަނީ، އެޗްއާރުސީއެމުން ފޮނުވި ރިޕޯޓްތަކުގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ. އެޗްއާރުސީއެމުން މި މައްސަލާގައި ދެ ފުލުހަކަށް ދައުވާ ކުރުމަށް އެދި ފޮނުވާފައިވަނީ މިދިޔަ ޖެނުއަރީ 6 ވަނަ ދުވަހު އެވެ.
އަތުހަރު ހައްޔަރުކޮށްފައިވަނީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައެއްގަ އެވެ. އޭނާ މަރުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު 2 ވަނަ ދުވަހު، ލައިގެން ހުރި ސޯޓުގެ ނާޑުވާއެއް ބޭނުންކޮށްގެން ދަންޖެހުމަށްފަހު، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަތުހަރު ހައްޔަރުކޮށްފައިވަނީ މިދިޔަ އޮގަސްޓު 30 ވަނަ ދުވަހު އެވެ. އޭނާ ދަންޖެހުމުގެ ކުރިން ވެސް އެކި ފަހަރު މަތިން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. މީގެ ތެރޭގައި އަންހެން މީހާ ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމާއި، ހައްޔަރުކުރި ދުވަހު ހޮޑުލާތީ އާއި ފިޓު ޖެހިގެން ހޮސްޕިޓަލަށް ގެންދިއުން ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ބައެއް ގާނޫނީ ވަކީލުން ފާހަގަކޮށްފައިވާ ގޮތުގައި، ނާޑުވާލީ ސޯޓާ އެކު ޖަލަށް ވަންނަން ފުރުސަތު ދިނުމަކީ ވެސް ފުލުހުންގެ އިހުމާލު އޮތް ކަމެކެވެ.

