މިވިހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރުގައި ފެންނަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޗީފް އޮފް ޑިފެންސް ފޯސް އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި އަސްކަރިއްޔާގެ ފަޚުރުވެރި ތާރީޚު ފާހަގަކުރައްވަމުން، ޗޯޅާއިންނާއި ފުސެތިކާރުންނާ ކުރިމަތިލައި، އެފަދަ ބޮޑެތި ބާރުތައް ބަލިކޮށް ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރި ގޮތުގެ ވާހަކަ ދެއްކެވިއެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލުމަށް އައި ކޮންމެ ބަޔަކާ ކުރިމަތިލައި، ލަޝްކަރު ވަރުގަދަވެގެން ދިޔަ،" ޙިލްމީ ވިދާޅުވިއެވެ.
ޙިލްމީ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ސިފައިންގެ ޤާނޫނަށް އަމަލުކުރަމުން އައި ނަމަވެސް، އެ ޤާނޫނުގައި ބަޔާންކުރާ ވައިގެ ބާރު މިހާތަނަށް އުފައްދާފައި ނުވާއިރު، ރައީސް މުޢިއްޒުގެ ވެރިކަމުގައި އެ ބާރުވެސް ސިފައިންގެ ތެރޭގައި އުފެދިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ކަނޑުގެ ބާރާއި އެއްގަމުގެ ބާރު ވަރުގަދަކުރުމަށްވެސް ރައީސް މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒަކީ ޤައުމުދެކެ ލޯބިވާ، ފަޚުރުވެރިވާ ޤައުމީ ލީޑަރެއްކަމަށާއި، މި ރިޔާސީ ދައުރުގައި ދިވެހި އަސްކަރިއްޔާ އެތަކެއް ގުނައަކަށް ވަރުގަދަވެގެންދާނެއެވެ. އަދި ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޙިލްމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

