ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން އެރަށުގެ މަގުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ބުނެފި އެވެ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 102 މިލިޔަން ރުފިޔާއަށް، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އިހަވަންދޫގެ މަގުތަކުގެ މަސައްކަތުގެ ފަހުގެ އަދާހަމަ ދެމުން އާރްޑީސީ އިން ބުނީ މިވަގުތު ކުރިއަށްދަނީ އޯކިޑް މަގުގައި ދުވާރުގެ މަސައްކަތް ކަމަށާއި، އަދި ހުރަވީ ދަނޑުގެ ޕޭވިންގ ކޮންކްރީޓްގެ މަސައްކަތް ކަމަށެވެ.
އާރްޑީސީ އިން އިހަވަންދޫގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށީ މިދިޔަ އަހަރު ކަމަށް ވާއިރު، މިމަޝްރޫއުގެ ދަށުން އިހަވަންދޫގެ 15 މަގުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.
މި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގައި ފެން ހިންދުމުގެ ނިޒާމު ގާއިމް ކުރާނެއެވެ، އަދި މިމަގުތަކުގެ މަސައްކަތް ނިންމާލާނީ މަގުތަކުގައި ނިޝާންތައް ކުރަހައި މަގުބައްތިވެސް ހަރުކުރުމަށްފަހުގައެވެ..

