ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދިވެހި ފުލުހުންގެ އިދާރާއިން ދިވެހި ފިރިހެނަކު ހޯދަން ފަށައިފިއެވެ.
ފުލުހުން އޭނާ ހޯދަމުންދަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. އަދި ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން މިހާރު ވަނީ ޢިއުލާންވެސްކޮށްފައެވެ.
ފުލުހުން ހޯދަމުން އަންނަނީ ދަފްތަރު ނަންބަރު ދރ 416 / މާލެ އުމުރުން 38 އަހަރުގެ ފަހުދު މުޙައްމަދެވެ.
ފަހުދު މުހައްމަދު ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.
އެހެންކަމުން މިމަހުގެ 28ވަނަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ފަހުދު މުހައްމަދު ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދިވެހި ފިރިހެނަކު ފުލުހުން ހޯދަމުން އަންނައިރު ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުން ވަނީ ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އެދިފައެވެ.
އަދި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ވަނި އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމްވެސްކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ ޚިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.

