ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހައްޔަރުކުރީ އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެންނެވެ.
އޭނާ ބަންދުގައި ހުންނަތާ 3 އަހަރު ވެފައިވާއިރު، ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު 54 އަހަރުގެ ހުކުމުން އުނިކުރާ ގޮތަށެވެ. އެހެންކަމުން އޭނާ އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެކެވެ. ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފިރިހެން މީހާ ހައްޔަރުކުރީ 2022ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.
ކުޑަކުދިންނާއި އަންހެނުންނަށްކުރާ އަނިޔާއާއި ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުމަވުންދާއިރު، މުޖުތަމަޢުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދުމާއި އަނިޔާލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބާވަތްތަކުގެ ކުށްތަކާމެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން، މުޖުތަމަޢުގެ އެކި ދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯޓް ކުރެވޭނޭ ފަސޭހަގޮތްތައް ތަޢާރަފްކޮށް، މިފަދަ ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގު މަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

