ސީސީޓީވީ ފުޓޭޖުގެ ގަޑިތައް ދިމާނުވުމުގެ ސަބަބުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް ކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.
ޝަމީމަށް ފާރަލަމުންގޮސް އޭނާ ދިރިއުޅުއްވާ ގެ ކައިރިން ހަމަލާދީފައިވަނީ މިދިޔަ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭނާއަށް އެ ހަމަލާދޭ މަންޒަރު ސީސީޓީވީ ފުޓޭޖަށް ވެސް އަރާފައެވެ،
އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ރ. އަލިފުށީ ރިވެލި، އުމުރުން 24 އަހަރުގެ މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، އުމުރުން 22 އަހަރުގެ މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ އުމުރުން 22 އަހަރުގެ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އުމުރުން 23 އަހަރުގެ އަބާން އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، އުމުރުން 22 އަހަރުގެ ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އުމުރުން 20 އަހަރުގެ އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
ހުކުމްގައި ބުނެފައިވަނީ އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުގެ ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށާއި، އަދި ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް ވެސް ގާޒީގެ ހުކުމުގައިވެއެވެ.
މި ހުކުމް ކޮށްފައިވަނީ އިބްރާހިމް އިހްސާންއެވެ.

