ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ނުވަތަ އަނިޔާ ލިބުނު މީހާއަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރި އަސަރާ ގުޅޭ ބަޔާން ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޯޓަކުން އަލަށްދީފިއެވެ.
އެ ފުރުސަތު ދީފައި ވަނީ ކްރިމިނަލް ކޯޓުން ހުކުމެއް އިއްވައި، ނިންމާލި މައްސަލައެއްގައި ހިމެނޭ ކުޑަ ކުއްޖަކަށެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އާއި މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރަން އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.
ހުޅުމާލެ މެޖިސްޓްރޭޓުން ކޯޓުން 54 އަހަރަށް ދިވެހި ފިރިހެނަކު ޖަލަށް ލުމަށް ހުކުމްކުރީ، ކުޑަކުއްޖެއްގެ އުމުރުން 8 އަހަރުން ފެށިގެން 18 އަހަރު ވަންދެން އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައެވެ.
މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކެވެ.
ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ބުނީ މި އޮފީހުން ގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާޑް ނިޒާމަކަށް މިސްރާބު ޖަހަމުން ކަމަށެވެ.

