މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު އަދި މަދީނާގެ މަޙްކަމަތުލް އިސްތިއުނާފްގެ އިސް ފަނޑިޔާރު ފަޟީލަތުއްޝައިޚު ޑޮކްޓަރ ޞަލާޙު ބުނު މުހަންމަދުލް ބުދައިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަންނަވާފައިވަނީ މީލާދީ ގޮތުން 1970 ވަނަ އަހަރު މަދީނަތުލް ހުފޫފް ގައެވެ. ޝައިޚުގެ ދަރިފަސްކޮޅު ބަނީ ތަމީމު ޤަބީލާ އާއި ގުޅިފައިވެއެވެ.
އައްޝައިޚު ޑރ ޞަލާޙުލްބުދައިރު ފާހަގަވެފައި ވަނީ އެންމެ ކުޑައިރުއްސުރެ ވެސް ޢިލްމަށާއި ޢިލްމު އުނގެނުމަށް ނުހަނު ލޯބިކުރައްވާ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. ވަރަށް ޅަ އުމުރުގައި ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށްފަހު އުފަން ރަށް ހުފޫފުގައި ތަޢުލީމު އުނގެނިވަޑައިގެންނެވުމުގެ ދިގު ދަތުރު ފެއްޓެވި ނަމަވެސް، ޢިލްމު ޙާޞިލުކުރުމާއި ޢިލްމު އުނގަންނައިދިނުމާއި ޤާޟީކަމާއި އިމާމުވެ ނަމާދުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ އެކިއެކި ސިޓީތަކަށް ދަތުރުކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ޝަރީޢާ ގެ ދާއިރާ އިން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް، އައްރިޔާޟުގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ޖާމިޢަތު އަލް އިމާމް މުޙައްމަދު ބުން ސުޢޫދު އަލްއިސްލާމިއްޔާ އިންނެވެ. އެއަށްފަހު ހަމަ އެ ސިޓީގައި ވާ އަލް މަޢުޙަދުލް ޢާލީ ލިލްޤަޟާއިން ފިޤްހުލް މުޤާރަނާގެ ދާއިރާއިން މާސްޓަރސް ޑިގުރީ ހާސިލުކުރައްވައި ޤާޟީއެއްގެ ގޮތުގައި ދަސްވެނިވިއެވެ. އެއަށްފަހު މީލާދީ ގޮތުން 2023 ވަނަ އަހަރު، އަލްޙައްސާއުގެ އަލްމަލިކު ފައިޞަލް ޔުނިވާސިޓީން ދިރާސާތުލް އިސްލާމިއްޔާ ބައިގެ ފިޤުހުގެ ރޮނގުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައި ވެއެވެ.
އައްޝައިޚް ޑރ. ޞަލާޙުލްބުދައިރު، ވަރަށް ހަނގު އުމުރުފުޅެއްގައި އިމާމްވެ ނަމާދުކުރައްވަން ފައްޓަވައިފިއެވެ. އެގޮތުން ބަލާއިރު އެމަނިކުފާނު ނަމާދުގެ ޖަމާޢަތް އައްޝައިޚު އަޙްމަދުއްސާލިމީ ގެ އަރިހުގައި އިދާރީގޮތުން ބަލަހައްޓަވަން ފެއްޓެވިއިރު ޘާނަވީ މަރްހަލާގައި ކިޔަވައިވިދާޅުވަނީއެވެ.
މަދީނަތުލް މުނައްވަރާގެ މަސްޖިދުއްނަބަވީގެ އިމާމެއްގެ ގޮތުގައި ޢައްޔަންކުރެވުމުގެ ކުރިން ރަސްމީ އިމާމެއްގެ ގޮތުގައި ޝައިޚް ޞަލާޙް އިމާމުކަމުގެ ވަޒީފާ ފެއްޓެވީ ދައްމާމު ސިޓީގައެވެ. އެއަށްފަހު އައްރިޔާޟު ސިޓީގައި ވެސް އިމާމެއްގެ ގޮތުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. މަދީނާގެ ޙަރަމްފުޅު ކަމުގައިވާ އަލްމަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބެއްގެ ގޮތުގައި ފަޟީލަތުއްޝައިޚު ޑޮކްޓަރ ޞަލާޙުލް ބުދައިރު ޢައްޔަނުކުރެވިގެން ދިޔައީ 1999 ވަނަ އަހަރުގައެވެ. އެއާއެކު ތަފާތު އެކި އަހަރު ތަކުގައި ޝައިޚަށް ވަނީ މައްކާގެ މަސްޖިދުލް ޙަރާމުގައި ވެސް އިމާމްވެ ތަރާވީޙް ނަމާދު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައެވެ.
އިމާމުކަމުގެ އިތުރުން އައްޝައިޚް ޑރ. ޞަލާޙުލްބުދައިރު ވަނީ ޤާޟީއެއްގެ ގޮތުގައި ވެސް އެކި ސިޓީތަކުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން 1993 އިން 1994 އަށް އައްރިޔާޟު ސިޓީގެ މަޙްކަމަތުލް ކުބުރާގައި ޤާޟީކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން 1995 ވަނަ އަހަރު ޢަސީރު ސިޓީގެ ކޯޓުގައި ޤާޟީކަން ކުރެއްވިއެވެ. ޖެހިގެން އައި 1996 ވަނައަހަރު ދައްމާމުގެ މަޙްކަމަތުލްކުބްރާގައި ޤާޟީއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްފަހު 1997 އިން 1999 އަށް މަދީނަތުލް މުނައްވަރާގެ މަހްކަމަތުލްކުބްރާގައި ޤާޟީކަން ކުރެއްވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ އެކިއެކި ސިޓީތަކުގައި އިމާމުކަމާއި ޤާޟީކަން ކުރައްވަމުން ގެންދެވި އައްޝައިޚް ޞަލާހް އަލްބުދައިރު ފާހަގަކުރެއްވެނީ ޢިލްމީ ދަރުސްތަކާއި ވަޢުޡު ވިދާޅުވުމުގައި ވެސް އަރާހުންނެވި ޝަޚުޞިއްޔަތެއްގެ ގޮތުގައެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އެތައް ބައިވަރު ޤައުމެއްގައި މިސްކިތްތަކާއި ޔުނިވާސިޓީތަކުގައި ވެސް އެމަނިކުފާނު ވަނީ މީސްތަކުންނާ މުޚާޠަބު ކުރައްވައި ތަޤުރީރުކުރައްވާފައެވެ. ހަމަ އެހެންމެ ޢުމުރާކުރުމުގެ ޕްރޮގްރާމްތައް ވެސް އެމަނިކުފާނު ހިންގަވާފައި ވެއެވެ.
އެމަނިކުފާނުގެ ޢިލްމީ ޚިދުމަތްތައް އަޅުގަނޑުމެންނަށް ދެން ފެނިގެންދަނީ އެމަނިކުފާނު ލިޔުއްވާފައިވާ ފޮތްތަކުންނެވެ. އެގޮތުން ބަލާއިރު، ބުލޫޣުއްސަޢާދާ މިން އަދިއްލަތި ތަވްޙީދިލްޢިބާދާއަކީ ޢީލްމީ މީޒާނުގައި ފާހަގަކޮށްލެވޭ މަޝްހޫރު ފޮތެކެވެ.
އައްޝައިޚް ޞަލާޙުލްބުދައިރު ފާހަގަކުރެއްވެނީ ތަޖުވީދުގެ ހަމަތަކަށް ވަރަށް މަޑުމައިތިރި ރާޤަކަށް ވަރަށް ރީތިކޮށް ޤުރްއާން ކިޔަވައިވިދާޅުވާ ޤާރީއެއްގެ ގޮތުގައެވެ. ޝައިޚްގެ ކިޔެވުން އަޑުއަހަން ފަސޭހަކަމަށާއި އެކިޔެވުމުގެ އަޑު ކަނފަތުގައި ޖެހޭ ހިނދު އެ ކިޔެވޭ އާޔަތްތަކާ މެދު ވިސްނައި ފިކުރުކޮށް ތަދައްބުރުކުރަން ފަސޭހަ ކަމަށާއި ނަމާދުގައި ޚުޝޫޢަތްތެރިވެ ހުރުމަށް ބާރުދޭކަމަށް ވަރަށް ގިނަ ފަރަތްކުން ވިދާޅުވެފައިވެއެވެ. ޝައިޚުގެ މި ރީތި އަޑުން ކީރިތި ޤުރްއާން އެއްކޮށް ޙަފްޞު ޤިރާއަތަށް ކިޔަވައި ވިދާޅުވެ ރެކޯޑްކުރައްވާފައިވެއެވެ.
މިއަދު އަޅުގަނޑުމެންގެ މި ޤައުމަށް ޝައިޚް ޞަލާޙުލްބުދައިރު މިކުރައްވާ ޒިޔާރަތުން އަޅުގަނޑުމެންނަށް ލިބިގެންދަނީ ނުހަނު ބޮޑު ޝަރަފަކާއި ހިތްހަމަ ޖެހުމެކެވެ. އާލާވެގެންދަނީ ދީނީ ޢިލްމަށާއި އިސްލާމީ ޘަޤާފަތަށް އޮތް ލޯތްބެވެ. އާވެގެން ދަނީ ޢިލްމު އުނގެނުމާއި އުންމަތަށް ފައިދާކުރަނިވި މީހަކަށް ވުމަށްޓަކައި ހިތުގައި އުފެދިފައިވާ އަޒުމެވެ. ދުޢާއަކީ ޝައިޚް ޞަލާޙް އަލްބުދައިރުގެ ދީނީ އަދި ޢިލްމީ ޚިދުމަތްތަކުގައި ﷲ ތަޢާލާ ބަރަކާތްލައްވައި އަޅުގަނޑުމެންގެ ދިވެހި އުންމަތުން ވެސް އެފަދަ ޢިލްމީ ޚިދުމަތްތެރި ދަރިންތަކެއް އުފަންވެގެންދިއުމެވެ.

