އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަލުން އިމާރާތްކުރަމުންދާ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ 90 އިން ސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާރްޑީސީއާ ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފިނިޝިންގގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ. މި ކޮމްޕްލެކްސްގެ މަސައްކަތް ފެށިފައިވަނީ ކުރީގެ އިމާރާތް ތަޅާލުމަށްފަހު، އައު ކުރެހުންތަކާ އެއްގޮތަށެވެ.

އައިޖީއެމްއެޗް ގައި އާރްޑީސީއިން އިމާރާތްކުރަމުންދާ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ 90 އިން ސައްތަ މަސައްކަތް ނިމިފައި
އާރްޑީސީން ދިން މައުލޫމާތުގައި، މި ކޮމްޕްލެކްސްގައި 61 އެނދުގެ ވޯޑަކާއި 15 ޕްރައިވެޓް ރޫމް ހިމެނޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، 28 ފާޚާނައާއި 6 ނަރުހުންގެ ސްޓޭޝަން މި ކޮމްޕްލެކްސްގައި ޤާއިމްކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހިމެނޭ މި ކޮމްޕްލެކްސްގެ އިންޓީރިއަރ މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ. އަދި ޚާއްސަ ހާލަތްތަކުގައި ބޭނުންކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ ބޭނުންތަކަށް ފަސޭހައިން ބަދަލުކުރެވޭ ގޮތަށް ވެސް މި ކޮމްޕްލެކްސް ފަރުމާކުރެވިފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް ގައި އާރްޑީސީއިން އިމާރާތްކުރަމުންދާ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ 90 އިން ސައްތަ މަސައްކަތް ނިމިފައި
މި ކޮމްޕްލެކްސް ނިމުމުން، އައިޖީއެމްއެޗްގެ އެނދުގެ ޖާގައަށް ބޮޑު ތަނަވަސްކަމެއް ލިބި، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

