ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ސެޝަން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމުގައެވެ. މި ސެޝަނަކީ ވޯކް-އިން އިންފޮމޭޝަން ސެޝަނެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސެޝަނެކެވެ.
އަދި ހަމަ އެ ދުވަހު މެންދުރުފަހު 13:00 އިން 14:00 އަށް އޮންލައިން މަޢުލޫމާތު ސެޝަނެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީ ކުރުމަށްފަހު މީޓިންގ ލިންކު ހިއްސާ ކުރެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ސްޓެލްކޯއިން ބުނީ މި ސެޝަންތަކުގައި މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވިގެންދާނެ ކަމަށެވެ. މި ސްކޮލާޝިޕަކީ ސްޓެލްކޯއިން ދޭ ފުރުސަތުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ފުރުސަތެވެ.

