މާފަންނު ސަރަހައްދުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ހުވަދޫމީޑިއާ އަށް މައުލޫމާތު ދެއްވި ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ފަރާތަކީ މ. އަލުވިމާގެއާގެ، މުހައްމަދު ހިސާމް (40 އަހަރު) އެވެ. އޭނާ މަރުވެފައި އޮތްކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 4:40 ހާއިރުއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.
ހިސާމްއަކީ މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވިގެން ހައްޔަރަށް ވެސް ގެންގޮސް އަދި ޖަލުހުކުމެއްވެސް ތަންފީޒު ކުރިމީހެއް ކަމަށް އެސަރަހައްދުން މައުލޫމާތު ދިން މީހަކު ބުންޏެވެ. އެހެންނަމަވެސް ހިސާމް މަރުވީ ކޮންސަބަބަކާ ހުރެ ކީއްވެގެންކަން ނޭނގޭ ކަމަށާއި އެހެނެއްކަމަކު އަހަރެއްހާ ދުވަސްކުރިން ޓީބީ ޖެހިގެން ވަރަށް ބޮޑަށް ހާލު ދެރަވެ އެޑްމިޓްކޮށްފައިވެސް ގިނަ ދުވަސްތަަކެއް ވަންދެން އޮތް ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުުންދާ ކަމަށެވެ.

